ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ފައްކާވަމުން އަންނަތަން ފެނިވަޑައިގަންނަވާތީ އުފާވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ފ. ފީއަލީގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް އެ ޕާޓީން މިއަދު ބުންޏެވެ.
ޖަލްސާގައި ގާސިމް ވިދާޅުވި ކަމަށް ޖުމްހޫރީ ޕާޓީން ބުނީ "ދިވެހި ރައްޔިތުން ޒަމާނީ ޑިމޮކްރަސީއަށް ކުރި އުއްމީދުތައް ފުރިހަމަވެ، ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުން އަންނަތަން ފެންނާތީ އެކަމާ އުފާވާ" ކަމަށެވެ.
ޖުމްހޫރީ ޕާޓީން އަދި ބުނީ "މީގެ ކުރިން 2008 ވަނަ އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ރަށްރަށަށް ޒިޔާރަތްކުރުމުން، އެއް ޕާޓީއެއްގެ ބަޔަކު އަނެއް ޕާޓީއެއްގެ ބަޔަކަށް ފުރައްސާރަކޮށް، ދަތިކޮށް ހަމަނުޖެހުން ހިންގައި އުޅުނު މަންޒަރުތައް، ފަދަ މަންޒަރުތައް މިހާރު ފެނިވަޑައި ނުގަންނަވާތީ އެކަމާ ގާސިމް އުފާކުރައްވައި ޝުކުރުއަދާކުރައްވާ" ކަމަށެވެ.
ރާއްޖޭން ފެންނަމުން މިދާ ބަދަލަކީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުން އަންނަކަމުގެ ނިޝާނެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވި ކަމަށް ވެސް ޖުމްހޫރީޕާޓީން ބުންޏެވެ.
"ގާނޫނު އަސާސީގެ މުޅި މަގުސަދަކީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުމާ އިންސާނީ ކަރާމާތް ދެމެހެއްޓުމާ އެއްބައެއްގެ ޝުއޫރުތައް އަނެއް ބަޔަކު ވެސް އަޑުއެހުން" ކަމަށް ގާސިމް ވިދާޅުވި ކަމަށް ވެސް ޕާޓީން ބުންޏެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ގާސިމް އިބްރާހިމް ގެންދަވަނީ ކެމްޕޭން ކުރެއްވުމަށް ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކުރައްވަމުންނެވެ.
ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުން އަންނަތަން ފެންނާތީ އުފާވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ