އުމަރުގެ މައްސަލައިގައި ގޮތެއް ނިންމާނީ ކޮމެޓީން: މައުމޫން

އުމަރު ނަސީރު ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނާ މައްސަލަ ސުލޫކީ ކޮމެޓީން ބަލައި ތަހްގީގު ކުރަމުން ގެންދަނިކޮށް އެކަމާ ގުޅޭ ގޮތުން އެޗެއް ވިދާޅުވުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ނ. ހޮޅުދޫގެ ހަތަރު ކައުންސިލަރަކު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ ޕާޓީގެ މެމްބަރުން އަމަލު ކުރަން ޖެހޭނީ ޕާޓީގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އެ ގޮތް ގަބޫލު ނުކުރައްވާ ކޮންމެ މީހަކަށް ވެސް ޕާޓީން ވަކިވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގައި ހުންނަވާނީ އެންމެ ލީޑަރެއް ކަމަށާއި އަދި ޕާޓީގައި އޮންނާނީ އެންމެ ޒައާމަތެއް ކަމަށެވެ.
"އުމަރު ނަސީރުގެ މައްސަލަ މިހާރު ވަނީ ސުލޫކު ކޮމެޓީ އަށް ފޮނުވިފައި. އެހެންވީމާ ސުލޫކު ކޮމެޓީން އެ މައްސަލަ ބައްލަވާ ތަހްގީގު ކުރައްވަމުން ގެންދަވަނިކޮށް އަޅުގަނޑު އެކަމަށް އެއްޗެށް ބުނުމަކީ އެހާ ހަމަޖެހޭ ކަމަކަށް ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދީ އުމަރު ނަސީރު އާއި ރައީސް މައުމޫން އަބަދުލްގައްޔޫމް އެކަނި ކަމަށް އުމަރު ނަސީރު ރޭ ވިދާޅުވެފައި ވާތީ އެ ވާހަކަ އާ ގުޅޭގޮތުން މައުމޫން ވިދާޅުވީ އުމަރު އެ ވިދާޅުވި ވާހަކަފުޅު އެމަނިކުފާނަށް އެހާ ރަނގަޅަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. މައުމޫނު ވިދާޅުވީ ޕީޕީއެމް އުފެއްދީ އެމަނިކުފާނު އާއި އުމަރު ނަސީރު އާ ދެ ދެބޭފުޅުން އެކަނި ނޫންކަމަށާއި އެ ކަމުގައި އެ ދެ ބޭފުޅުންގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުންގެ ހިއްސާ އެބަ އޮތް ކަމަށެވެ.
"ޕީޕީއެމް އުފެއްދީ އަޅުގނޑާއި އުމަރު ނަސީރާ އެކަންޏެއް ނޫން އިނގޭތޯ. މި ޕާޓީ އިފެއްދުމުގައި ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވި. އަދި މި ތަނުގައި ވެސް އޭގެ ތެރެއިން ބޭފުޅުން އެބަ ތިއްބެވި. މިއީ ވަރަށް ގިބަ ބައެއްގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އުފެއްދުމުގެ ކްރެޑިޓް އެ މަނިކުފާނު އެކަނި ނުނަންގަވާނެ ކަމަށެވެ. އަދި އެ ކަމުގެ ކްރެޑިޓް ވަކީން ނެގޭނެ އެހެން މީހަކު ވެސް ނުހުންނާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕީޕީއެމް އާއި އަލަށް ގުޅުނު ހަތަރު ކައުންސިލަރުންނަކީ ނ. ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަމްދާން ނާސިރު އާއި އެ ކަމުންސިލްގެ މެމްބަރު އިބްރާހިމް ވަރުދީގެ އިތުރުން އެ ކައުންސިލްގައި ތިއްބެވި އަންހެން މެ މެމްބަރުން ކަމަށްވާ ޚާލިދާ މުހައްމަދުގެ އިތުރުން އާއިޝަތު ހަސްމާ އެވެ.
އޭގެ އިތުރުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު އިބްރާހީމް ވެސް މީގެ ދުވަސްކޮޅެއް ކުރީން ޕީޕީއެމް އަށް ސޮއިކުރައްވާފައިވާ ކަމަށް މިއަދު އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ