ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގެ މައްސަލަ އދ.ގެ ސަމާލުކަމަށް ގެނެސްފި އެވެ.
މިސިޓީގެ މައްސަލަ އދ.ގެ ސަމާލުކަމަށް ގެނެސްދެއްވީ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު އެވެ.
މިކަން ޔަގީންކޮށްދެއްވަމުން ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާނަލް ނާޒިމާ ބެހޭ ގޮތުން އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށާއި އދ. ގެ ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޕްރިންސް ޒައިދު ބިން ރާދު އަލްހުސައިންގެ އޮފީހަށް ފޮނުއްވާފައިވާނެ ކަމަށެވެ.
ޑރ. ޝަހީދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ކާނަލް ނާޒިމް ދޫކޮށްލުމަށް ގޮވާލާ އދ.ގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ދިން މުހުލަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެމުއްދަތުގެ ތެރޭގައި ކާނަލް ނާޒިމް މިނިވަން ނުކޮށްފިނަމަ އެމައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ވެއްދުމަށް ނާޒިމަށް އެހީތެރިވެދެއްވާނެ ކަމަށްވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފަ އެވެ.
ނާޒިމްގެ މައްސަލާގައި ޑރ. ޝަހީދު ކުރައްވާ މަސައްކަތް ފާހަަގަކުރައްވާ ނާޒިމްގެ އާއިލާ އިން ވަނީ ޑރ. ޝަހީދަށް ޝުކުރުއަދާކޮށްފަ އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި ނާޒިމް ޖަލަށްލާފައިވާ މައްސަލައާއި ގުޅޭގޮތުން އަދީބް ސޮއިކުރައްވާ އަދި އިނގިލީގެ ނިޝާން ޖައްސަވާފައިވާ ދެ ސޮފްހާގެ ސިޓީއެއް އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ތާރީހުގަ އެވެ.
މިސިޓީގައި އަދީބް ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓްގެ ތެރެއިން ފުލުހުން ހޯދި ފިސްތޯލައިގެ ހަގީގަތާއި އެކަން ހިނގާދިޔަ ގޮތް ނުހަނު ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަަމަށެވެ. އެހެންނަމަވެސް އެ އެޕާޓްމަންޓުން ފެނުނު ހަތިޔާރު ތަކުގެ އެއްވެސް މައުލޫމާތެއް ނާޒިމަށް އެނގިވަޑައިގެންފައި ނުވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. އަދި އެމައްސަލާގައި ފުރުސަތު ދެއްވައިފިނަމަ ޝަރުއީ ކޯޓެއްގައި ވާހަކަދައްކަވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ. މިހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިމައްސަލަ ބަލައިނުގަތުމަށް ނިންމާ މިމައްސަލަ ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަން ފުލުހުން ހާމަކުރިން ފަހުންނެވެ. އަދި ސުޕްރީމް ކޯޓުން މިމައްސަލަ ނިންމީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ނޫން ކަމާއި އެތަނުގައި އެ ފިސްތޯލަ ބޭއްވި ފުލުސް އޮފިސަރުގެ މައުލޫމާތު އިނގޭ ކަމާއި އަދި އެ މައުލޫމާތު ޝަރީއަތުގެ މަޖިލީހާއި ހިއްސާކުރުމަށް ބޭނުންވާ ކަމަށް ނާޒިމުގެ ގާނޫނީ ވަކީލުން އެދިފައި ވަނިކޮށެވެ.
ނާޒިމް ޖަލަށް ލުމަށް ހުކުމް ކުރި މައްސަލަ ނާޒިމްގެ އާއިލާއިން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުމުން އެތަނުން އެމައްސަލަ ބެލުމަށްފަހު މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ގަވައިދާ ހިލާފަށް ނާޒިމް ބަންދުކޮށްފައިވާތީ އޭނާ ވަގުތުން މިނިވަން ކުރުމަށާއި ބަދަލު ދިނުމަށެވެ.
ނާޒިމްގެ މައްސަލާގައި އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގެ މައްސަލަ އދ.ގެ ސަމާލުކަމަށް ގެެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ