ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިދިޔަ މަހު ކޮށްފައިވާ ހުކުމަކީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ހިނގާނެ ހުކުމެއް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން މިދިޔަ މަހު ކޮށްފައިވާ ހުކުމްގައި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވާ މެންބަރުންނާ މެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އަމިއްލަ މެންބަރުންގެ މައްޗަށް ހިނގާނެ ކަމަށް ދައުލަތުން ބުނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލަ ބާތިލްކުރުމަށް އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އަމިއްލަ މެންބަރުންގެ މައްޗަށް ހިނގާނެ ކަމަށް ދައުލަތުން ބުނުމުން އެއަށް ރައްދުދެއްވަމުން ލަތީފްގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ބިނާކޮށްފައިވަނީ ޕާޓީތަކުގެ ޓިކެޓްގައި ހޮވޭ މެންބަރުންނަށް ކަމަށްވާތީ އެ ހުކުމް ހިނގާނީ ޕާޓީ ތަކުގެ މެންބަރުންނަށް ކަމަށެވެ. ލަތީފަކީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކަށް ވާތީ ސުޕްރީމް ކޯޓުގެ ހުކުމް ލަތީފްގެ މައްޗަށް ނުހިނގާނެ ކަމަށާއި އެހެންކަމުން ލަތީފްގެ ގޮނޑި ގެއްލިގެންދާންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ލަތީފުގެ ވަކީލުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އަމިއްލަ މެންބަރުންގެ މައްޗަށް ނުހިނގާ ކަަމަށްވާނަމަ ސުޕްރީމް ކޯޓުގެ ހުކުމްގެ މަގުސަދެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި މެންބަރެއް ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލެންޖެހޭނެ ކަމަށެވެ.
ލަތީފުގެ ވަކީލް ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ލަތީފް ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވި ކަމަށެވެ. އެހެންކަމުން އިލެކްޝަނުން ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ކޯޓުގެ ހުކުމްގެ ކުރިން ލަތީފް ކޮމިޝަނަށް ސިޓީ ފޮނުވި ފަހުން ކަން އިނގޭ ކަމަށްވެސް ހިސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ މީހަކު ޕާޓީއަކުން ވަކިވުމަށް އިލެކްޝަނަށް ސިޓީ ފޮނުވުމާއެކު އެމީހަކު އެހުރީ އެޕާޓީ އަކުން ވަކިވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އަމިއްލަ މެންބަރުންގެ މައްޗަށްވެސް ހިނގާނެ: ދައުލަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ