ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު

ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި އަހަރުގެ ރަމަޟާން މަހުގެ އެލަވެންސް މިމަހުގެ އަށްވަނަ ދުވަހު ދޫކުރާނެކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ ނެރުއްވި ސާކިއުލާއެއްގައި ވިދާޅުވީ ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭ ކަމަށެވެ.
އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެމުވައްޒަފެއްގެ އަތުން ހޯދައި، އެ ފައިސާ އަނބުރާ ޖަމާކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތާރީހުން ފެށިގެން ރަސްމީ ހަތް ދުވަސް ތެރޭ ރޯދަ މަހުގެ އިނާޔަތް ދޭން ޖެހޭނެ ކަމަށާއި އެގޮތަށް އިނާޔަތް ދޭއިރު ދުވަސް ގުނާނީ ދުވާލަކަށް ޖެހޭ އަދަދު 30 އިން ގެއްލައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
ރަމަޟާން މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ރަމަޟާން މަހު އެމީހަކު މަސައްކަތްކުރި ދުވަހަށް ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ރޯދަ މަސް "ޕޭ ލީވް" ސްކޮލާޝިޕް މުވައްޒަފުންނާއި "ނޯ ޕޭ ލީވް"ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުލިބޭނެ ކަމަށާއި އެފަދަ "ލީވް"އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދޭން ވާނެ ކަމަށް ސާކިޔުލާގައި ބުނެފައި ވެއެވެ.
ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ތަފުސީލު ތައްޔާރުކޮށް އިނާޔަތުގެ ފައިސާ ހޯދުމަށް މި މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ސާކިޔުލާގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ