ކުރިޔަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސް ވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ތިންދުވަހު އުތުރާއި މެދުރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަދި ބައެއްރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް ބުނެފައި ވެއެވެ.
އަދި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 8 ފޫޓާއި ދެމެދުގައިކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރަޔާއެކު މިމަހުގެ 12 ވަނަދު ވަހު ރާއްޖެއަށް ހުޅަނގު މޫސުން މިވަނީ ފެށިފައެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއްރަށްތަކަށް ބޯކޮށް ވާރޭވެހުނުއިރު، އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ސިޓީ ގަމަށްކަމަށް މެޓް އޮފީހުން ބުނެއެވެ، އެރަށަށް 164 މިލިމީޓަރުގެ ވާރޭވެހުނުކަމަށް އެއިދާާރާއިން މައުލޫމާތު ދެއެވެ.
މީގެއިތުުރުން އައްޑޫ ސިޓީގެ ހިތަދޫއަށް 157 މިލިމީޓަރު، ހުޅުމީދޫއަށް 230 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ރާއްޖޭގެއެހެން ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ބައެއްރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.
މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށްކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ވަނީ ބުނެފައެެވެ.
މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުން ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ