މަސް ދޯނިތަކުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަދިނުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއް: ސައުދު

މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން ހުއްދަ ދިނުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ޒުވާނުން މަސައްކަތެއް ނެތި މަގުމަތީގައި ތިބޭ ތިބުމަކީ މިވަގުތު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ޒުވާނުންގެ ބޭނުންކުރެވޭ ގޮތަށް ކަންކަން ބަދަލުކޮށްގެން ނަމަވެސް ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރެންޖެހޭ ކަމަށް ސައުދު ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީން، މަސްދޯނި ފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން ހުއްދަ ދިނުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއްކަން ފާހަގަކޮށް ސައުދު ވިދާޅުވީ، ބިދޭސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކޮންޓްރޯލްވެސް ނަގަމުން އަންނަކަމަށެވެ.
"މާރުކޭޓަށް ބެލިޔަސް، ކުދިކުދި ވިޔަފާރިތަކުގެ ކައުންޓަރަށް ބެލިޔަސް، މަސްދޯންޏަށް ބެލިޔަސް، ލޯންޗް ޑްރައިވަރެއް ފަޅުވެރިއަކަށްވިޔަސް، ކޮންތަނެއްގަ ތޯ [ބިދޭސީން] ނެތީ އިއްޒަތްތެރި ރައީސް." ސައުދު ވިދާޅުވިއެވެ.
މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒުން ހުއްދަ ދީފައިވަނީ އިއްޔައެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަން ކުރުމުގައި ގަވައިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އޮޑިވެރިން އަދި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ފަހު، ދޯނި ފަހަރުގައި ކުރާ ބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮތްކަމަށް ފާހަގަވާ ކަމަށެވެ.
އެގޮތުން ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި މިހާރު ވެސް ބިދޭސީން ގައިވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔުމުގެ ސަބަބުން ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ގާނޫނާއި ގަވައިދާ ހިލާފު މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަން ކުރުމުގައި ބައިވެރިވުން ނުހިމެނޭ ގޮތަށް ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ