މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު އެލާޓު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އޮރެންޖް އެލާޓު ނެރެފިއެވެ. މެޓް އޮފީހުން އޮރެންޖު އެލާޓު ނެރުނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަޔަށެވެ. އެއީ މިއަދު ހެނދުނު 10:00އިން ފެށިގެން 12:30 އާ ހަމަޔަށެވެ. މެޓް އޮފީހުން ވަނީ އެ ވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިއެވެ. މީގެ އިތުރުން އެ ގަޑިތަކުގައި ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައިއެވެ. އެ ސަރަހައްދުތަކަށް އޮރެންޖު އެލާޓު ނެރެނީ، ހދ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓު ނެރެން މީގެ ދެ ގަޑިއިރު ކުރިން އިއުލާން ކުރި ފަހުންނެވެ. އެ ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެން ނިންމީ 07:30 އިން ފެށިގެން 11:30އަށެވެ. ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ އިރު އެމްއެންޑީއެފްއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ކަނޑުދަތުރު ކުރާ މީހުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި އުޅަނދުގައި ލައިފްޖެކެޓާއި މުއާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބެލުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރިއެވެ. މީގެ އިތުރުން ވިއްސާރައާ ގުޅިގެން މޯލްޑިވިއަން ރެޑް ކްރެސެންޓުން ވަނީ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެތީ، ގޭގެއަށް ފެން ވަންނަ ގޮތަށް ހުންނަ ތަންތަން ބަންދުކޮށް، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރު ކުރުން މަޑުޖައްސާލުމަށް ވެސް ރެޑް ކްރެސެންޓުން ވަނީ އެދިފައިއެވެ. ހަމައެއާއެކު ވައިގަދަވެފައިވާތީ އެކަމަށް ސަމާލުކަން ދިނުމަށާއި މަގުމަތީގައި ސައިކަލު ފަދަ ވެހިކަލް ދުއްވާއިރުވެސް އެކަމަށް ސަމާލުވުމަށް ރެޑް ކްރެސެންޓުން ލަފާދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ