މެމްބަރު އާޒިމަށް ހުކުމް ކުރުން ފެށޭ ހަފްތާގެ ބުދަ ދުވަހު
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާގެ ހުކުމް ކުރުން ފެށޭ ހަފްތާގެ ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ. އާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެ، ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އެވަގުތު އެސަރަހައްދުގައި އާޒިމް ހަރަކާތްތެރިވަނިކޮށް، ފުލުހުން ތަކުރާރުކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން ވެސް އާޒިމު އެތަނުން ނުގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ހުކުމް ކުރުމަށް އަޑުއެހުންތަކެއް ތާވަލުކޮށް ވަނީ ކެންސަލްކޮށްފަ އެވެ. އެންމެ ފަހުން އާޒިމަށް ހުކުމް ކުރުމަށް އަޑުއެހުމެއް ތާވަލު ކުރީ މިދިއަ މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް އެނގިފައިވާ ގޮތުން އެ އަޑުއެހުން ކެންސަލްވެފައި ވަނީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުރުމުންނެވެ. މިމަހުގެ 24 ވަނަ ދުވަހަށް އާޒިމްގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަ ތާވަލުކޮށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާ ކަމަށް އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އާޒިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 12000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލާނެ އެވެ. އެހެންކަމުން އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވިޔަސް މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އާ ގާނޫނުލްއުގޫބާތުގެ ދަށުން އެއަދަބު ލުއިވެގެންދާނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ