ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ނެރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، ރާއްޖެއިން ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ގާނޫނީ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިފައިނުވާ ކަމަށެވެ.
މިއީ އަލީގެ ޕާސްޕޯޓު ހިފަހައްޓަން އަމުރަކަށް އެދުނު ދެވަނަ ފަހަރަށް ވީއިރު، އޭނާ މިވަގުތު ހުރީ އިނގިރޭސިވިލާތުގައެވެ.
މީގެކުރިން، އިނގިރޭސި ވިލާތުގައި ހުއްޓައި ވިސާގެ މުއްދަތު ހަވަމުން އަލީ ވަހީދު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.
މި މައްސަލާގައި އެންމެ ފުރަތަމަ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށް ބުނެ ކޯޓުން ވަނީ އެ އަމުރު ފަހުން ބާތިލް ކޮށްފައެވެ.
އެއަށްފަހު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދިފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވިދާޅުވީ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތްކަމަށް ކޯޓަށް ނުފެންނަ ކަމަށެވެ. އެހެންކަމުން އެފަދަ އެމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
އޭނާ ބޭރަށް ފުރާ ވަޑައިގަތީ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައި ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
ހައި ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ