ކޯމަން ބާޔާންއާއެކު އެއްބަސްވުން އާ ކޮށްފި

ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅޭ ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ކިންގްސްލީ ކޯމަން އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފިއެވެ. އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން ކޯމަން އެކްލަބްގައި 2027 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ.
އުމުރުން 25 އަހަރުގެ ކޯމަން އާއި ބަޔާން އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ކޯމަން ބަޔާން އާއި ގުޅިފައިވަނީ 2017 ވަނަ އަހަރު އިޓާލިއަން ސެރީއާގެ ޔުވެންޓަސްއިން ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިހާތަނަށް ބަޔާންއަށް އޭނާ ކުޅެދީފައިވާ 104 މެޗްގައި އޭނާވަނީ 21 ލަނޑު ޖަހައިދީފައެވެ. މީގެތެރޭގައި 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީއާ ބައްދަލުކޮށް މޮޅުވި މެޗްގައި ބަޔާން މޮޅުކޮށްދިން ލަނޑުވެސް ހިމެނެއެވެ.
ބަޔާންގެ ވެބްސައިޓަށް ކޯމަން ދިން ބަޔާނެއްގައި ބުނީ ބަޔާންއަކީ ވަރަށް ބޮޑު ކުލަބެއް ކަމަށާއި އެހެންކަމުން މިއެއްބަސްވުމާމެދު އޭނާ ވަރަށް ހިތްހަމަ ޖެހިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ގިނަ ކާމިޔާބީތަކެއް ބަޔާން އާއެކު ހޯދޭނެކަމަށް ޤަބޫލް ކުރާކަމަށްވެސް އޭނާ ބުންޏެވެ. ހުރިހާ ކަމެއްވެސް ބަޔާންގައި ހުރީ ވަރަށް ފުރިހަމަ އަށް ކަމަށާއި އަދި އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރުތައް އަދި ކުރިއަށް އޮތީކަމަށް އޭނާ ބުނެއެވެ. އަދި އެއަހަރުތަށް ބަޔާންގައި ހޭދަކުރާނެކަން އެނގުމުން ލިބޭ ހިތްހަމަ ޖެހުން އިތުރުކަމަށްވެސް ކޯމަން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ