ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ވެދާނެކަމަށް ގަބޫލުކުރަން ދަތި: މެމްބަރު ފިރުޝާން
ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ. މެމްބަރު ފިރުޝާން މިއަދު "ސަން"އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާއަށް އެއާޕޯޓް ހިންގަން ހަވާލުކުރުމަކީ އިންޓަނޭޝަނަލް ކުރުމަށް އޮތް ހުރަސް ކަމަށެވެ. ކާޑެއްދޫ އެއާޕޯޓް ހިންގަން 2013 ވަނަ އަހަރު ސަރުކާރުން ވިލާ އެއާ އާ 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެ އެއާޕޯޓް ވަނީ އެކުންފުނިން އަތުލާފައެވެ. ސިވިލްއޭވިއޭޝަންގެ މިންގަނޑާ ޚިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ، ވިލާއެއާ އާ އެކު ވެފައިވާ އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2017 ވަނަ އަހަރުއެވެ. ސިވިލް ކޯޓާއި ހައިކޯޓުން ވެސް ވަނީ އެ އެއާޕޯޓް އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅާފައެވެ. ދައުލަތުން އިސްތިއުފާނު ކުރުމުން ސުޕްރީމް ކޯޓުން ވެސް ހުކުމް އިއްވީ ވިލާ އެއާގެ ކިބައިން އެއާޕޯޓް އަތުލީ ގޯސްކޮށް ކަމަށެވެ. މެމްބަރު ފިރުޝާން ވިދާޅުވީ މީގެކުރިން ވިލާ އެއާ އިން އެ އެއާޕޯޓް ހިންގިއިރު، އެއާޕޯޓަށް އެއްވެސް ތަރައްގީއެއް އައިސްފައިނުވާ ކަމަށެވެ. އެހެންކަމުން ވިލާ އެއާއިން ހިންގާހާ ދުވަހަކު އެ އެއާޕޯޓް އިންޓަނޭޝަނަލް ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ވިލާ އެއާއާ އެއާޕޯޓް ހަވާލުކޮށްފައި އޮތްއިރު އިތުރު ފެންސްއެއް ޖަހާލި. އެއީ ދެން ކުރެވުނު ކަމެއް. ދެން އެދިޔަ ދެތިން އަހަރެއްތެރޭގަ އެއްވެސް ޑިވެލޮޕްމެންޓެއް ނުގެނުވުނީމަ އަޅުގަނޑަށް ވަރަށް ބޮޑަށް ދަތި ގަބޫލު ކުރަން އެކަން [އިންޓަނޭޝަނަލް] ވެދާނެއޭ ވިލާއަށް،" ފިރުޝާނު ވިދާޅުވިއެވެ. ކާޑެއްދޫ އެއާޕޯޓް ހުޅުވިތާ މިހާރު 28 އަހަރު ވަނީ ވެފައެވެ. އޭގެފަހުން ވެސް އެތަކެއް އެއާޕޯޓްތަކެއް ރާއްޖޭގައި ވަނީ ގާއިމްކޮށްފައެވެ. އެހެންނަމަވެސް އެހެން އެއާޕޯޓްތަކާ ބަލާއިރު، ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ވަރަށް ދަށް ކަމަށް ފިރުޝާން ވިދާޅުވިއެވެ. ކާޑެއްދޫ އެއާޕޯޓްގެ ހާލަތާ މެދު ކަންބޮޑުވުންފާޅުކުރައްވައި މެމްބަރު ފިރުޝާން ވަނީ މީގެކުރިން މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ޕެޓިޝަން ހުށަހެޅުމުންވެސް އެ މައްސަލައަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. "އަދި ހަމަ އެގޮތަށް ފާހަގަ ކޮށްލަން މިހާރު މުވައްޒަފުންގެ ދަތިކަންވެސް އިންތިހާއަށް އެބަހުރި. ބައެއް ބޭފުޅުން އެބަ ޖެހިޖެހިގެން ދެޝިފްޓަށް ވޯކްކުރޭ. އެއީ ހަގީގަތުގަ މުވައްޒަފުންދޭ ހިދުމަތަށް ބުރޫ އަރާނެ ކަމެއް. ދެން އޭތި ފެންނާނީ ހިދުމަތް ހޯދާ ބަޔަކަށް. ކުންފުންޏަކަށްވެސް ސަރުކާރަކަށްވެސް އެއެއް ނުފެންނާނެ. އެ ހިތްހަމަ ނުޖެހުން ނުވަތަ ފްރަސްޓްރޭޝަން ފެންނާނީ ހިދުމަތް ލިބިގަންނަ ބަޔަކަށް،" ފިރުޝާން ވިދާޅުވިއެވެ. ހުވަދުއަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކުރައްވާނެ ކަމަށް ނިމިދިޔަ ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް އެ ވިދާޅުވާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކާޑެއްދޫ އެއާޕޯޓު ކަމަށް ގަބޫލުކުރަން ދަތި ކަމަށް ފިރުޝާން ވިދާޅުވިއެވެ. "ރައީސް އިބްރާހިމް ސޯލިހް ވަނީ ވިދާޅުވެފަ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަން ވާނެއޭ އަދި އެކަން އެމަނިކުފާނު ކޮށްދެއްވާނަމޭ، ދެން ކާޑެއްދޫ އެއީ ސަރުކާރުގެ ވިސްނުންތޯ ނުވަތަ ނޫންތޯ އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ދަތި،" ފިރުޝާން ވިދާޅުވިއެވެ. ކާޑެއްދޫ އެއާޕޯޓަކީ ޖިއޯގްރެފިކަލީ އިންޓަނޭޝަލް އެއާޕޯޓަކަށް ހަދަން އެންމެ ރަނގަޅު ސަރަހައްދެއްގައި އޮތް އެއާޕޯޓުކަމަށާއި ހުވަދުއަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދަކީ ވެސް އެ އެއާޕޯޓް އިންޓަނޭޝަނަލްވުން ކަމަށް ފިރުޝާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ