ޖަލާލުއްދީން ސްކޫލް 2019: މަތީ ސާނަވީ އެންމެ މޮޅު ދަރިވަރަކަށް ހުސެއިން އަދި ސާނަވީން އައިޝަތު

ޖަލާލުއްދީން ސްކޫލުގެ 2019 ގެ މަތީ ސަނާވީ އެންމެ މޮޅު ދަރިވަރުގެ މަގާމު ހުސެއިން ޔޫސުފް އަދި ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު އައިޝަތު އަބްދުއްރަހްމާން ހޯދައިފި އެވެ.
މިރޭ ޖަލާލުއްދީން ސްކޫލް ކުރިއަށްގެންދިޔަ 2019ގެ ދަސްވެނިވުމެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.
މި ހަފްލާގައި ކުޅުދުއްފުށީ ސްކޫލްތަކުގެ އިސްވެރިންނާއި މުވައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ވަނަވަނަ އަށް ދިޔަ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އަފީފުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަން ސަޒްނާ އިބްރާހިމެވެ.
ގްރޭޑް 11 ގެ ދަރިވަރުންނަށް އަފީފުއްދީން ސްކޫލްގެ ގެ ޕްރިންސިޕަލް ނާސިހާ އިދްރީސް އިނާމު ހާވާލުކޮށްދެއްވި އިރު ގްރޭޑް 12 ގެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް އަދި ޑެޕިއުޓީ މޭޔަރ އަލީ އަހުމަދެވެ. އެހެނިހެން ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަމީން މުހައްމަދެވެ.
މީގެ އިތުރުން މަތީވަނަތައް ހާސިލް ކުރެއްވި ދަރިވަރުންނަށް ސިވިލް ސާރވިސް ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ ފާތިމަތު އާމިރާއާއި މުހައްމަދު ނާސިހު ވަނީ އިނާމުތައް ހަވާލުކޮށްފައެވެ. ޓޮޕް އެޗީވާސްއަށް އިނާމު ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.
މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ހުސެއިން މަންމަ އާއި ބައްޕައާއެކު ފޮޓޯއަކަށް ހުއްޓިލައިގެން--ކޭއޯފޮޓޯ
ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އައިޝަތު މަންމަ އާއި ބައްޕައާއެކު ފޮޓޯއަކަށް ހުއްޓިލައިގެން--ކޭއޯފޮޓޯ
މި ހަފްލާގައި ޓޮޕް އެޗީވާސްގެ އެވޯޑް 12 ދަރިވަރަކު ވަނީ ހޯދާފައެވެ. އަދި ސާނަވީ އިމްތިހާނުން ސްކޫލުން އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވުނީ ފާތިމަތު އިނާޝާ އަދި މައީޝާ އަބްދުލްމުހުސިނެވެ.
މީގެ އިތުރުން ޑިސްޓިންގްޝަން އެވޯޑް 22 ކުއްޖަކު ހޯދާފައިވާއިރު ހަޔާރ ޑިސްޓިންގްޝަން އެވޯޑް 24 ދަރިވަރަކު ވަނީ ހޯދާފައެވެ.
ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ އެކުއްޖަކު ބޭނުންވާ ހިސާބަކަށް ދެވެންދެން ކޮންމެ ކުއްޖަކުވެސް ހިތްވަރު ކުރަންވާނެ ކަމަށާއި، ފެއިލް ވާ ކޮންމެ ފަހަރަކު ބާރަށް، އަވަހަށް ތެދުވަން ދަސްކުރަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ