ޔާމީން މިނިވަންވުމަކީ ސުޕްރީމް ކޯޓުގެ އިތުބާރު ގެއްލޭނެ ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމަކީ ސުޕްރީމް ކޯޓާއި މެދު އުފެދިފައި އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހުކުމް އިއްވުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
އެކަމާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަހާ ވަގަކު" މިނިވަން ވުމަކީ ސުޕްރީމް ކޯޓާއި މެދު އުފެދިފައި އޮތް އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ޔާމީނަށް ނުސީދާކޮށް އަމާޒު ކުރައްވައި ނިހާދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ޓައިޕިން އެރާއެއްގެ ސަބަބުން "ވަގަކު" މިނިވަންވެއްޖެނަމަ ދުވަހަކު ވެސް އިންސާފު ގާއިމް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
Mahaa Wagaku minivan vumakee SC aai medhu ufedhifai oih ithubaaru gelligen dhaane kameh!
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 25, 2021
މަނީލޯންޑަރިންގެ ކުށުގައި ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހު އެވެ. ނަމަވެސް މައްސަލަ ބަލަމުންދަނިކޮށް އިތުރު ކަމެއް ފާހަގަ ކުރުމަށްޓަކައި އިތުރު އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާފައިވެ އެވެ.
ރައީސް ޔާމިނަށް ފަސް އަހަރުގެ ޖަލު ހުމެއް ކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ