ގާޒީ ބާރީއަށް އަޑުބަރޭ ބިރުދެއްކި ކަމަށް ބުނާ މައްސަލައިގާ ހެކި ނެތުމުން އެ މައްސަލަ ފައިލްކޮށްފި

ގާޒީ ބާރީގެ ނުރުހުމުގައި ފޮޓޯ ނަގައި، ގާޒީ ބާރީއަށް ބިރުދެއްކި ކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުން ދިޔަ، ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ގެ މައްސަލަ ހެކި ނެތިގެން ފައިލްކޮށްފި އެވެ.
އެ މައްސަލަ ނިންމި ގޮތުގެ ކޮޕީއެއް ދުވަހަށް ލިބިފައިވާއިރު އޭގައި ބުނެފައިވަނީ “ތިޔަ ފަރާތުގެ މައްޗަށް ތުހުމަތުކުރެވި މި ސާވިސް އިން ބަލަމުންދިޔަ މައްސަލައިގާ ދައުވާކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މައްސަލަ މިސާވިސްގައި ފައިލް ކުރެވިފައިވާ ވާހަކަ ދަންނަވާ” ކަމަށެވެ.
އެ ރިޕޯޓްގައި ވާގޮތުން މައްސަލައިގެ ތަފްސީލްގައި ލިޔެފައިވަނީ އެ މައްސަލައަކީ “އެހެނިހެން ގޮތްގޮތުން ބިރުދެއްކުމުގެ” މައްސަލައެއް ކަމަށެވެ.
18 ފެބްރުއަރީގައި ހުށަހެޅި އެ މައްސަލައިގެ އެއްވެސް ހެއްކެއް ނެތް ކަމަށްބުނެ އަޑުބަރޭއަށް މިއަދު ލިޔުމެއް ދީފައިވާއިރު އެ މައްސަލައިގާ އޭނާ ހައްޔަރުކޮށް ދެ ފަހަރުމަތިން ބަންދުގެ މުއްދަތު އިތުރުކޮށް، 20 ދުވަސް ވަންދެން ބަންދުގައި ބަހައްޓާފައިވެ އެވެ. އެކަމުގެ ސަބަބުން އަޑުބަރޭ އަށް ތިން މެޗް ގެއްލިފައި ވެ އެވެ.
އަޑުބަރޭގެ ސަޕޯޓަރުން ބުނާގޮތުގައި މި މައްސަލައިގާ އެއްވެސް ހެއްކެއްނެތި މިހާދުވަސް ވަންދެން އަޑުބަރޭގެ އަގުވައްޓާލާ ބަންދުގައި 20 ދުވަސް އޮންނަންޖެހުމުން ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލު ގާޒީ ބާރީ ކުރެން ނަގައިދޭން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ