އަންނަ އަހަރަށް މުސާރަ މުދައްރިސުންގެ މުސާރަ ބޮޑުނުކޮށްފި ނަމަ، 2018 ވަނަ އަހަރުގެ ކުރިން މުދައްރިސުންގެ މުސާރަ ބޮޑުވާނެ ކަމަށް ނުބެލެވޭ ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މިރޭ އެ އެސޯސިއޭޝަނުން ބޭއްވި ޢާންމު ޖަލްސާގައި ވާހަކަ ދައްކަމުން، އެ އެސޯސިއޭޝަންގެ އެކެޑެމިކް ކޮމިޓީގެ މެމްބަރު އަޝްރަފް އަބްދުލްރަހީމް ވިދާޅުވީ، އެ އެސޯސިއޭޝަންގެ ކަންބޮޑުވުންތައް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ ހިއްސާ ކުރެވުނު ކަމަށާއި، އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ހަމަޖެހުމާ އެކު އެކަން ކޮށްދެއްވާނެ ކަމަށް ކަމަށެވެ.
"ރައީސް ވިދާޅުވި އިޤްތިސާދީ ހާލަތު ރަނގަޅުވުމުން ޓީޗަރުންގެ އުޖޫރަ ރަނގަޅުކުރައްވާނަމޭ. އަދި އިޤްތިސާދީ ހާލަތު ރަނގަޅު ނުވަނީސް މިކަމެއް ނުވާނެއޭ. ނަމަވެސް މިއީ ކުރައްވަން ބޭނުންފުޅު ކަމެކޭ ރައީސް ވިދާޅުވީ،" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، އިޤްތިސާދީ ހާލަތު ރަނގަޅުވާ ނިސްބަތް ފެންނަނީ ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރުން ކަމަށެވެ
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކައް ހިއްސާ ކުރަމުން، އަޝްރަފް ވިދާޅުވީ މިދިޔަ އަހަރުތަކުގައި ޤައުމީ ޖީޑީޕީ ދަށް ވެފައި އޮތުމަށް ފަހު، މިއަހަރާ އަޅާ ބަލާއިރު އަންނަ އަހަރު ޖީޑީޕީ އިތުރުވަނީ %10.5 އަށް ކަމަށާއި، ތަފާސް ހިސާބުތައް ދައްކާ ގޮތުން ދެން ކުރިޔަށް އޮތް އަހަރުތަކުގައި ޖީޑީޕީ ދާނީ ދަށްވަމުން ކަމަށެވެ. އަދި ޖީޑީޕީއަށް ބަލާފައި އިޤްތިސާދު ރަނގަޅުވާނެ ކަމަށް ނުބެލެވޭތީ، ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން މުދައްރިސުންގެ މުސާރަ ބޮޑުވާން ކަމަށް ވެސް ނުބެލެވޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ 2015 ވަނަ އަހަރު ކޮންމެހެން ވެސް މިކަން ވާންޖެހޭނެ. ނުވެއްޖިއްޔާ މިކަން ނުވާނެ 2018 ގެ ކުރިންނެއް،" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް އިތުރަށް ވިދާޅުވީ، މުދައްރިސުންގެ މުސާރަ އިތުރު ކުރުމަށް 532 މިލިޔަން ރުފިޔާ ބޭނުންވާ ކަމަށާއި މި އަދަދު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.
ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީގެ ޚަރަދުތައް ވަނީ އަންނަ އަހަރަށް %140 އިތުރުކޮށްފައި ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަންނަ އަހަރަށް މުސާރަ ބޮޑުނުވެއްޖެ ނަމަ 2018 ގެ ކުރިން ވެސް ނުވާނެ - ޓޭމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ