މަޖިލީހުގެ ދެމެމްބަރުން ކަމަށްވާ ތޯރިގަށާއި އަލީ ރިޒާއަށް އަނިޔާކުރި - އެމްޑީޕީ

އެމްޑީޕީން ފަށާފައިވާ ސީދާ ހަރަކާތުގެ ތެރެއިން ރޭގެ މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުކަމަށްވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އަށާއި މަނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ތޯރިޤްއަށް ފުލުހުން އަނިޔާކުރި ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައިވަނީ އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން "ސުލްހަވެރި ކަމާ އެކު" އިހުތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް އަލީ ރިޒާ އާއި ސީދާ ހަރަކާތުގެ އިތުރު ބައިވެރިން ގާނޫނާއި ގަވާއިދާއި ޚިލާފަށް ރޭވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިގް އަށާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބުނެ އެޕާޓީން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޠޯރިގުގެ ބުރަކަށީގައި މުގުރުން ޖެހި ކަމަށް ބުނެ އޭނާ ވަނީ ރޭގެ މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް ދައްކާލާފައެވެ. އެގޮތުން ދިގުމިނުގައި 14 އިންޗި އަދި ފުޅާ މިނުގައި 2 އިންޗަށް ފިތްނަގައި، ފަޅައިގެން ގޮސް، ބުރަކަށިން މުގުރެއްގެ ފޮޓޯ ކޮޕީ ސިފަވާ ގޮތަށް ދުޅަވެފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.
"ފުލުހުންގެ މި އަމަލުތަކަކީ އަވަސް އިންތިޚާބަކަށް ގޮވާލައި އެބޭފުޅުން އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންދާތީ ދުރާލައި ރާވައިގެން، ސީދާ އެބޭފުޅުންނަށް ޒާތީގޮތުން އަނިޔާދީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ގާނޫނީ އިމުން ބޭރުން ހިންގަމުން ގެންދާ ފިނޑި އަމަލުތަކެއް ކަމަށް މި ޕާޓީން ދެކެމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް ބީރު ކަންފަތެއް ދެމުން ގެންދާތީ ކަންބޮޑުވާ ކަމަށެވެ.
ފުލުހުން ގާނޫނު އަސާސީއާއި ގާނޫނާއި ޚިލާފަށް ހިންގަމުންގެންދާ ކަމަށް ބުނެ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޑީޕީގެ ބަޔާން ނިންމާލަމުން ގޮވާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ