ގައުމު ސަލާމަތްވާނެ ހަމައެކަނި ގޮތަކީ ޔާމިނަށް ވޯޓް ދެއްވުން – ގާސިމް

ރާއްޖެ ސަލާމަތްކުރެވެން މިހާރު އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓްދެއްވުން ކަމަށް އިންތިޙާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބާއި ކުރިމަތިވެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި ގުޅި ފައިވާ ސިޔާސީ ޕާޓީތަކުން ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޔާމިނަށް ވޯޓް ނުދެއްވައިފި ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
ހޮނިހިރު ދުވަހު ލާވޯޓަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތްކޮށް ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީން ހިމާޔަތްކުރުމަށް ދެވޭ ވޯޓެއް ކަމަށާއި އެކަންކަން ހިމާޔަތް ކުރެވޭނީ ޔާމިނަށް ވޯޓް ދެއްވައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންނާއި ޝަރުޢީ ނިޒާމްގެ ހިމާޔަތުގައި މިއަދު ތެދުވާންޖެހިފައިވާ ކަމަށާ ވާދަވެރިން ތިބީ މި މުއައްސަސާތައް ނައްތާލަން ތައްޔާރުވެގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޔާމީނަކީ ތަޖުރިބާހުރި ބޭފުޅެއް ކަމަށާ ޔާމީންގެ ފަހަތްޕުޅުގައި ތިބީވެސް ވަރަށް ގާބިލް ތަޖުރިބާކާރު ބޭފުޅުންކަމުން މިއަދު ޔާމީންނަށް ތާއީދުކުރަން މަޖުބޫރު ވެފައިވާ ކަމަށެވެ.
ނަޝީދަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ތިން އަހަރުގެ ވެރިކަމުގައި ދަރަނި އަދާކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް މިއަދު ފެނިގެން މިދަނީ މި ގައުމު 28 ބިލިއަން ރުފިޔާ އިން ދަރަނިވެރިވެ މުޅި ގައުމު ބޭންކްރަޕްޓް ވެގެން ގޮސްފައިވާ މަންޒަރު ކަމަށެވެ.
"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހަވާލުކުރަން ނުޖެހޭ ސަބަބުތައް. ފުރަތަމަ ސަބަބު، އިސްތިއުފާ ދެއްވަމުން ވިދާޅުވީ މިގައުމުގައި ތިންމަނާ ވެރިކަން ކުރަން ދެން ހުރެއްޖެ ނަމަ މި އުންމަތަށް ލިބޭނީ ބޮޑެތި ގެއްލުމާއި ހަލާކޭ. ހަމަގައިމު ވެސް ފައިދާއެއް ނުވާނޭ. މިވާހަކަ އަޑުނާއްސަވަންތޯ ދިވެހި ރައްޔިތުން. އަޑުއެއްސެވިންތޯ ނުވަތަ ނާއްސަވަންތޯ،" ގާސިމް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި އަބުދުﷲ ގާޒީ ހައްޔަރު ކުރި ކުރުމަށާއި ސްޕްރީމް ކޯޓްގެ ތަޅުއެޅުވި އެޅުވުމުގެ ހަނދާން އާކުރަށްވާ ގާސިމް ވަނީ ރޭވެސް އެއީ ޤާނޫނާއި ހިލާފަށް ނަޝީދު ކުރެއްވި ކަންތައްތައްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް. އާދެ ކެންޑިޑޭޓް ނަންބަރު ތިނެކާ ދިމާލު ހެޔޮފާހަގަ ޖައްސަވާށޭ. އެމަނިކުފާނު ހޮއްވަވާށޭ. މިގައުމުގެ ރައީސަކަށް. މިގައުމުގެ ސަލާމަތާ އަމާންކަމުގެ އައްސޭރިއަކަށް ގެންދަންބޭނުންވާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް އޮތީ ހަމައެކަނި އެގޮތޭ". ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ