އައްޑުއަތޮޅު ގަމުގެ އެއަރޕޯޓް ތަރައްގީ ކުރުމުގެ ގާބިލްކަން ދިވެހި ސަރުކާރުގައި އެބަހުރިކަމަށާއި އެއަރޕޯޓް ތަރައްގީ ކުރުމަށް އަމިއްލަފުޅު ޚަރަދުގައި ކުރެވެންހުރި ކޮންމެ ކަމެއްވެސް ކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އޮނަރަބަލް ގާސިމް އިބްރާހިމް މިރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އައްޑޫގެ ތަރައްގީއަށްވެސް އަދި ދިވެހި ގައުމުގެ ތަރައްގީއަށްވެސް އެމަނިކުފާނު ހުރަސްނާޅުއްވާނެކަމަށާއި
ގަމުގެ އެއަރޕޯޓް އަމިއްލަ ފަރާތަކަށް ކުއްޔަށް ދިނުމަކީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށެވެ.
ގަމުގެ އެއަރޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުގައި ވެސް ކެޕޭސިޓީ އެބަހުރިކަމަށާއި އެކަމުގެ ޔަގީންކަން ޓުރާންސްޕޯރޓް މިނިސްޓަރ ޑރ ޝަމްހީދުވެސް ދެއްވާފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެއަރޕޯޓްތައް ތަރައްގީކޮށް ބިން ހިއްކުމުގެ ތަޖުރިބާ ޚުދު އެމަނިކުފާނުގެ ކިބައިގައި ވެސް އެބަހުރިކަމަށާއި ގަމުގެ އެއަރޕޯޓް ތަރައްގީ ކުރުމަށް ހިއްކަންޖެހޭ 600 މީޓަރު ދިގު އަދި 300 މީޓަރު ފުޅާ ސަރަހައްދު ހިއްކުމަށް އެމަނިކުފާނުގެ ކުންފުނީގެ ޑުރެޖަރު ދެއްވަން ތައްޔާރަށް ހުންނެވިކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގަމުގެ އެއަރޕޯޓް ތަރައްގީ ކުރުން މިހާރު މާބޮޑަށްވެސް ލަސްވެފައިވާކަމަށާއި މުޅި ދެކުނުގެ ތަރައްގީއަށްޓަކައިވެސް މިކަން ކުރުން އަވަސް ކުރަންޖެހޭކަމަށެވެ. ދިވެހި ރައްޔިތުންނަށް ލިބުނު އިންޓަރނޭޝަނަލް ދެ އެއަރޕޯޓްގެ ތެރެއިން މިވަގުތު ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ހަމައެކަނި އެއަރޕޯޓަކީ ގަން އެއަރޕޯޓްކަން ހާމަކުރައްވަމުން ގާސިމް ވިދާޅުވީ އެ އެއަރޕޯޓް އަމިއްލަ ފަރާތަކަށް ދިނުމަށް ކުރެވޭ މުއާމަލާތުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި އެމަނިކުފާނު މިދައްކަވަނީ އެވާހަކަ ކަމަށެވެ. ގަން އެއަރޕޯޓަކީ ދިވެހިންގެ ވަރަށް ބޮޑު ތަރިކައެއްކަމަށާއި މިފަދަ ބޮޑު ރައުސުއްމާލެއް އެއްވެސް ކަހަލަ އަގު ކުރުމެއް ނެތި އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދެވިގެން ނުވާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގައުމުގެ ހަރުމުދަލަކީ ކާބަފައިންގެ ވަރަށް އަގުހުރި މަސައްކަތަކުން މި ޖީލާއި ހަމައަށް ފޯރުކޮށްދީފައިވާ މުދާތަކެއްކަމަށާއި އޭގެ ތެރެއިން ބައެއް ތަކެއްޗަކީ ދިވެހިންގެ ފުރިހަމަ ކޮންޓްރޯލް އޮންނަންޖެހޭ މުދާތަކެއް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހަރުމުދާ ނުވިއްކިއަސް މިގައުމު ތަރައްގީ ކުރެވިދާނެކަމަށާއި ގަމުގެ އެއަރޕޯޓް ތަރައްގީ ކުރާނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ކަމަށެވެ. އަދި މިކަން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކުރެވޭނެ ފުރިހަމަ ޕުލޭނެއް އެބައޮތްކަމަށް ވެސް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ޖީއެމްއާރަށް މާލޭ ވައިގެ ބަނދަރު ކުއްޔަށް ދިނުމުގެ ހިތި ނަތީޖާ މިހާރު ފެނިފައިވާކަމަށާއި ގަން އެއަރޕޯޓް އަމިއްލަ ފަރާތްތަކަށް ކުއްޔަށްދީފިނަމަ އެކަމުގެ ތަޖުރިބާ ދިވެހިންނަށް ކުރަންޖެހޭނީ އަދި މިއަށްވުރެވެސް މާހިތިކޮށްކަމަށެވެ. ގަން އެއަރޕޯޓްގެ ހިއްސާ މިފަދަ ގޮތަކަށް ބަޔަކަށް ދޫކޮށްލުމުން ރައްޔިތުންނަށް ގެއްލުން ލިބޭ ދުވަހަކުން ގާނޫނީ އެތައްއެތައް މައްސަލަތަކެއްވެސް ދިމާވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވަނީ މިކަންކަމަށް އައްޑޫގެ ރައްޔިތުން ހޭލާ ތިބުމަށް މިރޭ ގޮވާލައްވާފައެވެ.
އަދި މިއީ އެމަނިކުފާނު މިއަދު މުޅިން އަލަށް ދައްކަވަން ފެއްޓެވި ވާހަކަފުޅެއް ނޫންކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިކަންކަމާއި ދެކޮޅަށް ވާހަކަ ދައްކަން ފަށާފައިވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގަމުގެ އެއަރޕޯޓް ތަރަގީކުރަން އަމިއްލައަށްވެސް ހޭދަކުރަން ތައްޔާރު - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ