ރަންގަލި އައިލެންޑް ރިސޯޓުގެ އިންޖީނުގޭގައި ރޯވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ

ކޮންރާޑް ރަންގަލި މޯލްޑިވްސް އައިލެންޑް ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން އެ ރިސޯޓުން ކަރަންޓު ކެނޑިއްޖެ އެވެ.
މިރޭ 11:30 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޯވިތާ 45 ވަރަކަށް މިނެޓު ތެރޭގައި އެރަށު ސްޓާފުން ކުރި މަސައްކަތުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެ ރިސޯޓުގެ ސްޓާފަކު އެމްވީޔޫތަށް މައުލޫމާތުދެމުން ބުނީ އަލިފާން ރޯވުމާއިއެކު ހުރިހާ ސްޓާފުން ފުޓްބޯޅަ ގްރައުންޑަށް ޖަމާވި ކަމަށާއި ނަމަވެސް މިހާރު ހުރިހާ ސްޓާފުން ރޫމްތަކަށް ފޮނުވާލާފައިވާ ކަމަށެވެ.
"12 ޖަހަން އުޅެނިކޮށް މުޅި ރަށުން ކަރަންޓު ދިޔައީ، އަދިވެސް ކަރަންޓު ނާދޭ، އަލިފާން ރޯވީ 11:30 ހާއިރު." އެ ރިސޯޓުން ވާހަކަ ދެއްކި ސްޓާފަކު ބުންޏެވެ.
އެ މުވައްޒަފު ބުނީ އެ ރިސޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރު 150 އަށް ވުރެ ގިނަ ފަތުރުވެރިން ތިބި ކަމަށާއި ނަމަވެސް ފަތުރުވެރިން މިހާރު ތިބި ތަނެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރަޝިއާ މީހުން އާ އަހަރު ފާހަގަކުރުމަށް މިރޭ އެ ރިސޯޓުގައި ބަޑި ބޭހުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އަލިފާނުގެ ހާދިސާ އާއި މިކަމާއި ގުޅުން ހުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
އދ. އަތޮޅުގެ ރިސޯޓެއްގައި ހިނގި މި އަލިފާނުގެ ހާދިސާ އާއި ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް ކަމާއި ބެހޭ އެއްވެސް އިދާރާއަކަށް ގުޅުމުން އެ ފަރާތްތަކުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ގުޅަން ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެ އެވެ. މީގެއިތުރުން އެ ރިސޯޓުގެ ފޯނުގެ ހިދުމަތް ކެނޑިފައިވުމުން ރިސޯޓުގެ ބަހެއް ވެސް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ