ވިލާ ގްރޫޕުން ސަރުކާރަށް 100 މިލިއަން ޑޮލަރު (15.42 ބިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށް ބުނި ނަމަވެސް ސަރުކާރަށް ދައްކަން ޖެހޭ އެއްޗެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދިޓީވީއިން ގެނެސްދިން ހަބަރުތެރެއިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަދީބު ހައްދަވަމުން ގެންދަވަނީ އިތުރުފުޅެއް ކަމަށާއި އެއީ ތާކުން ތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އަދި ސަރުކާރަށް އެހާ ބޮޑު ފައިސާގެ އަދަދެއް ދައްކަން ޖެހޭނެ ނަމަ އެ ކަން ނިންމާނީ ކޯޓުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މިއަދު 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު މިސަރުކާރަށް ދައްކަންޖެހޭއޭ ކުއްޔާއި ޖޫރިމަނާ އޭ ކިޔާފަ ސަރުކާރުތަކުން މީހުން ދަރަނިވެރި ކުރުވުމަށް ބާއްވައިގެން ތިބީ ކީއްވެގެންތޯ. ކާކުތޯ ބުނީ ބާއްވައިގެން ތިބެން. އެމީހުންނަށް އޮތެއްނޫންތޯ ފުރަތަމަ ކުލި ނުދެއްކީމަވެސް ނެގުމުގެ ބާރު. އެހެން އެކަން އޮއްވާ ރައްޔިތުން އިނދަ ޖައްސާ ނިކަމެތިކޮށްލަން ކީއްވެގެންތޯ އެކަން ކޮށްފަ އޮތީ. ހަމަގައިމުވެސް ގާސިމް އިބްރާހިމް ދައްކަން އޮތް އެއްޗެއް ނޯންނާނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރަނގަޅަށް ތެދުވެރިކަމާ އެކީގައި ކުރައްވާފައި ހުރި ހުވަޔާ އެއްގޮތަށް ކަންތައް ނުކުރެވޭ ކަމަށް ވަންޏާއި އަދީބުގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފައެވެ. އަދި އަދީބު ދެކެ ބިރުފުޅު ނުގަންނަ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވިއެވެ.
"އިތުރުފުޅު ނުހައްދަވާ، ރަނގަޅަށް ތެދުވެރިކަމާ އެކީގައި މަނިކުފާނު ކުރައްވާފައި ހުރި ހުވަޔާ އެއްގޮތަށް ކަންތައް ނުކުރެވޭ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލާނީ އިސްތިއުފާ ދެއްވާށޭ. އަވަހަށް އިސްތިސްއުފާ ދެއްވާށޭ،" އަދީބަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގަމުންދާ ފަޅު ރަށްތަކާއި މި ސަރުކާރުން ނަގަން ފެށި ޓެކްސްތައް "އަޅުގަނޑުމެންގެ ސަރުކާރެއްގައި" ކަނޑާލާނެ ކަމަށާއި މުއާސަލާތީ ހިދުމަތުގެ ޓެކްސް ކަނޑާލުމުގެ އިތުރުން އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ގެނައި ބަދަލުތައް ކުރިން ހުރި ގޮތަކަށް ރުޖޫއަ ކުރާނެ ކަމަށެވެ.
އަދި ވަކި ބަޔަކަށް ކަރަންޓް ސަބްސިޑީ ދިނުމުގެ ބަދަލުގައި އެ ސަބްސިޑީ އެންމެނަށް ލިބޭނެ ގޮތް ހަދާނެ ކަމަށާއި މަސްވެރިންނާއި ދަނޑުވެރިންނަށް މި ސަރުކާރުން ދޭން ވައުދުވި ސަބްސިޑީ ވެސް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ސަރުކާރަށް ދައްކަން ޖެހޭ އެއްޗެއް ނޯންނާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ