ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޓެރަރިސްޓް ގުރޫޕްތަކުގެ ލިސްޓުން ހަމާސް އުނިކުރުމަށް އީޔޫގެ ދެވަނައަށް އެންމެ މަތީ ކޯޓުން އަމުރު ކޮށްފިއެވެ.
ޓެރަރިސްޓް ގުރޫޕްތަކުގެ ލިސްޓުން ހަމާސް އުނިކުރުމަށް އީޔޫގެ ޖެނަރަލް ކޯޓުން އަމުރެއް ނެރެފައިވަނީ މީގެ ހަތަރު އަހަރު، އެ ލިސްޓުން އުނިކުރުމަށް އެދި ހަމާސް އިން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް އިއްވަމުންނެވެ.
މި ހުކުމް އިއްވާފައިވަނީ ހަމާސް ޖަމާއަތުގެ ހަރާކަތްތަކުގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށާއި މި ހުކުމް އިއްވާފައިވަނީ 2003 ވަނަ އަހަރު އެ ޖަމާއަތަށް ދިން އަދަބުދިން އިރު ޝަރީއަތް ހިނގާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"މި ހުކުމާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ" ހަމާސްގެ ވަކީލު ވިދާޅުވިއެވެ.
އީޔޫގެ ޖެނަރަލް ކޯޓުގެ ނިންމުން އެޕީލް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ޓެރަރިސްޓް ގުރޫޕެއްގެ ގޮތުގައި އީޔޫއިން އެންމެ ފުރަތަމަ 2002 ވަނަ އަހަރު އީޔޫއިން ލިސްޓްކޮށްފައިވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި އަލް-ގައްސާމް ބްރިގޭޑްސްއެވެ. ނަމަވެސް 2003 ވަނަ އަހަރު އީޔޫއިން ވަނީ ހަމާސްއިން ދިން ހަމަލާތަކަކާއި ގުޅިގެން މުޅި ހަމާސް އެ ލިސްޓުގައި ހިމަނާފައެވެ.
އީޔޫގެ މި ނިންމުމަށް އިސްރާއީލުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އިސްރާއީލުގެ އޮފިޝަލަކު ބުނީ އީޔޫގެ މި ނިންމުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ހަމާސްއިން އިސްރާއީލުގެ މީހުންނަށް ކޮށްފައިވާ އަނިޔާތަށް އީޔޫއަށް މިހާރު ހަނދާން ނެތިފައިވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.
އީޔޫގެ މަތީ ކޯޓަކުން، ހަމާސް އާއި އެއްކޮޅަށް އަމުރެއް ނެރެފައިވާއިރު އީޔޫގެ ގިނަ ގައުމުތަކަކުން އަންނަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައިވެސް ބަލައިގަންނަމުންނެވެ.
ޓެރަރިސްޓު ގްރޫޕްތަކުގެ ލިސްޓުން ހަމާސް އުނިކުރަން އީޔޫ ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ