އަބްދުﷲ ގާޒީ ހައްޔަރުކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ގަބޫލެއް ނުކުރަން: ފޮރިން މިނިސްޓަރު

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން ގޮސް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދިރިއުޅުއްވާ ގެއަށް ގަދަކަމުން ވަދެ، ސިފައިން އޭނާ ހައްޔަރުކޮށްގެން ގެންގުޅެމުން އެ ދަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ނަސީމް ވިދާޅުވީ އެ ގޮތަށް ސިފައިން ލައްވާ މީހުން ހައްޔަރުކުރުމުގެ އިޚްތިޔާރުތަކެއް ބައެއް ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންވާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވަނީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވައިގެންތޯ ދެންނެވުމުން ނަސީމް ވިދާޅުވީ ފޮރިން މިނިސްޓްރީގައި ވެސް ގާނޫނީ ވަކީލުން ތިއްބަވާ ކަމަށާއި މިނިސްޓްރީން ވެސް ގާނޫނީ ދިރާސާތައް ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް މި ކަހަލަ އިޚްތިޔާރުތަކެއް އޮވޭ. މަސްލަހަތު ގެއްލިގެންދާ ހިނދެއްގައި. އެހެންވީމާ އަޅުގަނޑު މިހެން މި ދަންނަވަނީ،" ނަސީމް ވިދާޅުވި އެވެ.
ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރީ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިރު، އެ ހުކުމް ސަރުކާރުން ބަލައިނުގަންނަނީތޯ ދެންނެވުމުން ނަސީމް ވިދާޅުވީ ތިޔަ ސުވާލުކުރަން ރަނގަޅުވާނީ އެޓާނީ ޖެނެރަލްއާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލބިފައި އޮތް މިންވަރުން މީނާ ]އަބްދުﷲ ގާޒީ[ އެކަހެރިކުރެއްވުމަކީ ގާނޫނީ ހުދޫދުން ބޭރުން ކުރެއްވި ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެމޭ. އަޅުގަނޑު ޚާރިޖީ ވުޒާރާއަކުންނެއް އެ ގޮތަކަށް ނުދެކެމޭ،" ނަސީމް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ވަގުތުން މިނިވަންކުރުމަށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ހުކުމްކުރިތާ ހަ ދުވަސްވީ އިރު ވެސް، އޭނާ މިނިވަންކޮށްފައި ނުވިޔަސް ނަސީމް ވިދާޅުވީ "ސަރުކާރުން ގާނޫނީ ހަމަތަކުގެ ބޭރުން ކަންތައްތަކެއް ނުކުރާނެ" ކަމަށެވެ.
"އަޅުގަނޑު ފޮރިން މިނިސްޓްރީން ދެކޭ ގޮތުގައި މިއީ ގާނޫނުން ބޭރު އަމަލެއް ނޫން."
ނަސީމް ވިދާޅުވީ ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި ސިފައިންގެ ގާނޫނުގައި އެ ގޮތަށް އަމަލުކުރެވޭ ގޮތަށް އޮންނަ ކަމަށް
"އަޅުގަނޑު ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް އެއީ ގާނޫނު އަސާސީން ބޭރުގެ ކަމެއް ކަމަކަށް. އަޅުގަނޑު ދެކޭ ގޮތުގައި މި ގާޒީއާ ބެހޭ ގޮތުން ކުރިން ވެސް ވަރަށް ގިނަ މައްސަލަތަކެއް ކުރީ ސަރުކާރުން ވެސް އަދި ކުރީގެ އެޓާނީ ޖެނެރަލްއަކަށް ޑރ. ހަސަން ސައީދު ހުންނެވި އިރު ވެސް އެ މައްސަލަތައް ވަނީ ކުރީގެ ރައީސް މައުމޫނަށް ވެސް ހުށަހަޅުއްވާފައި،" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ މި ސަރުކާރުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅި 140 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ އިރު އޭގެ ތެރޭގައި އަބްދުﷲ ގާޒީއާ ބެހޭ މައްސަލަތަކެއް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް މިހާތަނަށް ހައްލެއް ނުގެނެވި ދިގުލައިގެން ދިއުމުން، ގައުމުގެ މަސްލަހަތު ހިފެހެއްޓުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ރައީސް ނަޝީދު ފިޔަވަޅުތަކެއް އަޅުއްވަންޖެހޭނެ ކަމަށާއި އެ މަނިކުފާނު އެ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ