ސުޕްރީމް ކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ރެ އިން ފެށިގެން ސިފައިން ހުއްޓާލައިފި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ތިބި އެމްއެންޑީއެފްގެ މެރިން ކޯގެ ސިފައިން ރޭ 30: 7 އިން ފެށިގެން ޑިއުޓީ އަށް ނުނިކުންނަ ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އެކަން ރަސްމީކޮށް އެ ޑިޕާޓްމަންޓަށް މިހާތަނަށް އަންގާފައި ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ޑިއުޓީގައި ހުރި މެރިން ކޯގެ ސިފައިންގެ މީހާ ވަނީ ރޭ 30: 7 ހާއިރު އެ ތަނުން ގޮސްފަ އެވެ. އަދި އޭގެ އިރުގަނޑެއް ފަހުން ޑިއުޓީ އަށް ދިޔަ މެރިން ކޯގެ ސިފައިންގެ މީހާ ވެސް އިރުކޮޅަކު ހުރުމަށް ފަހު، ސުޕްރީމް ކޯޓުގެ ގޭޓް ތަޅުދަނޑި ހިފައިގެން ދިޔައީ ކަމަށް ވެސް "ހަވީރަ" ށް އެނގިފައިވެ އެވެ.
ޖުޑީޝަލް ޑިޕާޓްމަންޓުގެ އޮފިޝަލް މިއަދު ވިދާޅުވީ، ތަޅުދަނޑި ގެންދިޔަތާ ދެ ގަޑިއެއްހާއިރު ފަހުން، އެމްއެންޑީއެފުން އަނބުރާ ތަޅުދަނޑި، ސުޕްރީމް ކޯޓާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ތަޅުދީފައި ބުނީ އޮޅިގެން ގެންދެވުނީއޭ،" ޖުޑީޝަލް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ޑިއުޓީ ދޫކޮށްފައި މެރިން ކޯގެ ސިފައިން ދިޔަ ނަމަވެސް، އެ ތަނުގެ އެތެރޭގައި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިން ހަރަކާތްތެރިވެ އެވެ. އެ މީހުން ތިބެނީ ހަމައެކަނި ކޯޓުގެ ރިސެޕްޝަން އޭރިއާގަ އެވެ. މެރިން ކޯގެ ސިފައިން، ސުޕްރީމް ކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ދޫކޮށްލުމާ ގުޅިގެން ރެއިން ފެށިގެން އެ ތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން އަންނަނީ ޖުޑީޝަލް ޑިޕާޓްމަންޓުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނެވެ.
"އެސްޕީޖީން ހަމަ ރޫޓިންކޮށް ޑިއުޓީއަށް އެބަ ނުކުމޭ. އެކަމަކު މެރިން ކޯ ސިފައިން ނުނިކުމޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ޑިއުޓީ އަށް މެރިން ކޯގެ ސިފައިން ނުނިކުންނަ މައްސަލާގައި އެމްއެންޑީއެފުން އެއްވެސް އެއްޗެއް ނުބުންޏެވެ. ރެ އާއި މިއަދު ވެސް މި މައްސަލާގައި މައުލޫމާތު ސާފުކުރުމަށް "ހަވީރު" ން ގުޅުމުން އެމްއެންޑީއެފުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ސަލާމަތީ ކަންތައް ބެލެހެއްޓުން ސިފައިން ދޫކޮށްލިއިރު، ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ، ކޯޓުތަކުގެ ސަލާމަތީ ކަންތައްތައް ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަލަހައްޓަންވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ސިފައިން ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ