ރިޔާސީ އިންތިހާބު 2008: މައިސޫރުގައި ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް 312 މީހަކު ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި

އިންޑިޔާގެ މައިސޫރުގައި އެކި ބޭނުންތަކުގައި އުޅޭ ދިވެހިންނަށް، މި މަހުގެ 28ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި 312 މީހަކު ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު އިބްރާހީމަށް، މި މަހުގެ 10 ވަނަ ދުވަހު ފޮނުވާފައިވާ މި ޕެޓިޝަންގައި، މައިސޫރުގައި ކިޔެވުމަށާއި ބޭސްފަރުވާ އާއި އެހެނިހެން ބޭނުންތަކުގައި ތިބޭ ދިވެހިންނަށް ވޯޓުލުން ހަމަޖައްސައިދޭން ފެންނަ ފަސް ސަބަބެއް ބުނެފައި ވެ އެވެ. އެގޮތުން އެއް ކަމަކީ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ސިޔާސީ ހައްގު އަދާކުރުމަށްޓަކައި، އިންޑިޔާގެ ކަރުނާޓަކާ ސްޓޭޓްގެ މައިސޫރުގައި ތިބޭ ދިވެހިން ވަރަށް ބޮޑު އަދި ބުރަ ތަކުލީފުތަކެއް އުފުލަން ޖެހިފައިވުމާ އެކު އެކަމަށް ލުއި މަގެއް ހޯދުމެވެ.
"މައިސޫރާ 140 ކިލޯމީޓަރު ދުރުގައި އޮންނަ ބެންގަލޫރުގައި ވޯޓުލާ އުމުރުގެ 1300 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭއިރު، މި އަދަދަށް ވުރެ މަދުން ދިވެހިން އުޅޭ ސިންގަޕޫރުގައި ތިބި ދިވެހިންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެން ދިޔައިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އެ ފުރުސަތު ލިބިފައި ނުވުން. ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ސިޔާސީ ހައްގު އަދާކުރުމުގެ ގޮތުން ޓްރިވެންޑްރަމްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމަށްޓަކައި މައިސޫރާއި ބެންގަލޫރުން 400 އަށް ވުރެ ގިނަ ދިވެހިން، ދަތި އުނދަގޫތަކެއް ތަހައްމަލުކުރުމަށް ފަހު، 40 ގަޑިއިރުގެ (ކޮޅަކަށް 20 ގަޑިއިރުގެ) ދިގު ދަތުރެއްކޮށް، މި ކަމަށް ދެ ލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުވެފައިވާތީ މިފަދަ އިތުރު ދަތުރެއް ކުރުމަށް އަޅުގަނޑުމެންނަށް ވަގުތާއި ހާލަތު ތަން ނުދިނުން،" މައިސޫރުގައި ތިބި ދިވެހިންނަށް އެ ތަނުގައި ތިބެގެން ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ފެންނަ ސަބަބުތަކުގެ ތެރޭގައި ބުނެފައި ވެ އެވެ.
އެ ޕެޓިޝަނުގައި އިތުރަށް ބުނެފައި ވަނީ މައިސޫރުގައި ތިބޭ ގިނަ ދިވެހިންނަކީ މަތީ ތައުލީމު ހާސިލުކުރާ ޒުވާނުން ކަމަށް ވެފައި، މި ތާރީހީ އިންތިހާބުގައި އެ މީހުންގެ ބަސްބުނުން ވެސް އޮތުމަކީ ދިވެހި ގައުމަށް ފައިދާކުރާނެ ކަމުގައި އެ މީހުން ގަބޫލުކުރާ ކަމަށެވެ.
"ވީމާ ވީހާ ވެސް ގިނަ ދިވެހިންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނޭ ގޮތް ހަމަޖައްސަވައި ދެއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމުގައި ވާތީ އާއި އަދި ވީހާ ވެސް ގިނަ ދިވެހިންނަށް ލުއި ފަސޭހަ ކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރުމަށް ތިޔަ ކޮމިޝަނުން މަސައްކަތް ކޮށްދޭނެ ކަމަށް ތިޔަ ކޮމިޝަނުން ވިދާޅުވާތީ، އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން މައިސޫރުގައި ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި ދެންނެވީމެވެ،" ޕެޓިޝަންގައި ވެ އެވެ.
އިލެކްޝަންސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައިސޫރުގައި ތިބޭ ދިވެހިންގެ ފަރާތުން ޕެޓިޝަނެއް ލިބިފައިވާ ކަމަށާއި އެކަމަކު އެކަމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
"އަދި މި ދަނީ މަޝްވަރާ ކުރަމުން. ގޮތެއް ނުނިންމަން،" އޭނާ ވިދާޅުވި އެވެ.
މި މަހުގެ އަށް ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމަށްޓަކައި ފުރަތަމަ ފަހަރަށް ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށިތައް ބަހައްޓާފައި ވެ އެވެ. އެއީ އިންޑިޔާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯ އާއި ސިންގަޕޫރާއި މެލޭޝިޔާގެ ކުއަލަލަމްޕޫރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ