ޕީއޭގެ ރައީސް ޔާމީން އަންނަ ރިއާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެއްޖެ

ދެހާސް ތޭރަ ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމުގައި އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ހަވީރަށް ދެއްވި އިންޓަވިއުއެއްގައި، ރައްޔިތުންގެ މަޖިލީހުގެ މ. މުލަކު ދާއިރާ ވެސް ތަމްސީލުކުރައްވާ ޔާމީން ވިދާޅުވީ އޭނާ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ މައިގަނޑު ވިސްނުންފުޅެއް ގެންގުޅުއްވަނީ ރާއްޖެ އިގްތިސާދީ ގޮތުން މިހާރަށް ވުރެ ބޮޑަށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާތީ އާއި އިގްތިސާދީ ފޯކަސް އަކަށް މުޅި ގައުމުގެ ވިސްނުން ބަދަލުކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.
"ސިޔާސީ ކަންތައްތަކުން ރައްޔިތުން އެއަށް ވުރެ ފައިދާ ބޮޑު ކަމަކަށް ވާނީ އިގްތިސާދީ ގޮތުން ރާއްޖެ ތަރައްގީ ކުރުން ކަމަށްވާތީ، ހަމަ އިގްތިސާދީ ފޯކަސް އަކަށް މުޅި ގައުމުގެ ވިސްނުން ބަދަލު ކުރެވޭތޯ ބެލުމުގެ މަގުސަދުގައި ރިއާސީ އިންތިހާބަށް ކުރިމަތިލާން މި ނިންމީ،" ރައީސް މައުމޫންގެ ދައުރުގައި ގިނަ ދުވަސްތަކެއް ވަންދެން ޓްރޭޑް މިނިސްޓަރުކަން ވެސް ކުރެއްވި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސުލްޖުމުހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކީ އިގްތިސާދީ ގޮތުން ކޮންމެވެސް ވަރެއްގެ ގާބިލުކަމެއް ހުރި ބޭފުޅަކަށް ވެއްޖެ ނަމަ، ސަރުކާރުގެ ތެރޭގައި އިގްތިސާދީ ޕްރޮގްރާމްތައް ހިންގުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޕީއޭގެ ރައީސް ވިދާޅުވީ އޭނާ ރައީސް ކަމަށް ވާދަކުރެއްވުމުގެ ވިސްނުންފުޅެއް ކުރިއަށް ނެރުއްވީ ޕީއޭގެ އިސް ފަރާތްތަކާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށާއި ޑީއާރުޕީ އާއި ޕީއޭ އާ އެކު ހަދާފައިވާ ކޯލިޝަން އެގްރީމަންޓްގެ ސަބަބުން އެކަމަށް އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ކޯލިޝަން އެގްރީމަންޓްގެ އެންމެ ބޮޑު މާއްދާއަކަށް މި އޮންނަނީ [މިދިޔަ] ރިއާސީ އިންތިހާބުގައި ރައީސް މައުމޫނާއި ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ނުކުމެވަޑައިގަންނަވާ އަހުމަދު ތަސްމީނު އަލީ އަށް ތާއީދުކުރުން. އެކަންކޮށް ނިންމައިފިން. ދެ ވަނަ ކަމަކަށް ކޯލިޝަން އެގްރީމަންޓްގައި އޮންނާނީ ރިއާސީ އިންތިހާބު ނިމުމަށް ފަހު އަންނަ އާންމު އިންތިހާބުގައި އަލަށް ހޮވޭ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެންދެން ދެ ފަރާތުން، ސިޔާސީ ކަންކަމުގައި އެއްބާރު ލައިގެން- ހާއްސަކޮށް މަޖިލީހުގެ ދާއިރާގައި- ކުރިއަށް ގެންދިއުން...ކޯލިޝަން އެގްރީމަންޓެއް އެބައޮތް. ކޯލިޝަނަކަށް އޭގެ ޒާތުގައި މިކަމާ ހެދި ބުރޫ އަރަން ޖެހޭ ސަބަބެއް ނުފެނޭ،" ޔާމީން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނާ އެއްބަފާ ކޮއްކޮ ޔާމީން ވިދާޅުވީ އޭނާ 2013ގެ ރިއާސީ އިންތިހާބުގައި ދެ ވަނަ ވިސްނުމެއް ގެންގުޅުއްވަން ޖެހޭނެ އޮންނާނީ އެންމެ ސަބަބެއް ކަމަށެވެ. އެއީ ރައީސް މައުމޫނު އާ ދައުރަކަށް ކުރިމަތިލެއްވުން ކަމަށާއި އެފަދަ ހާލަތެއްގައި ދެ ވަނަ ވިސްނުމެއް ގެންގުޅުއްވަން ޖެހިވަޑައިގެންފާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެން ކަމަށް ވެއްޖެ ނަމަ އެކަމާ ދޭތެރޭ އަލުން ވިސްނަން ޖެހޭނީ،" މިދިޔަ ރިއާސީ އިންތިހާބުގައި ރައީސް މައުމޫނަށް ތާއިދު ކުރެއްވި ޔާމީން ވިދާޅުވި އެވެ.
މައުމޫން ސަރުކާރުގެ ފަހު ދުވަސްކޮޅު ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޔާމީން ވިދާޅުވީ ރާއްޖެ އިގްތިސާދީ ގޮތުން މިހާރަށް ވުރެ ކުރިއަށް ގެންދިއުމުގެ ތަފާތު ވިސްނުންތަކެއް ހުރި ކަމަށާއި ޓޫރިޒަމް މިހާރު އޮތް މޮޑެލަކީ އެންމެ ރަނގަޅު މޮޑެލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ބައިވަރު އެނދުތަކެއް ނެރެގެން ޓޫރިޒަމް ޑައިލިއުޓް ކުރުމުގެ ބަދަލުގައި، ތަފާތު ގޮތަކުން ޓޫރިޒަމް ޑައިވަސިފައިކޮށް ޓޫރިޒަމް ޕްރޮޑަކްޓް ތަފާތު (ކުރެވިދާނެ). ޓޫރިޒަމްގެ ތަފާތު ނަޒަރިއްޔާތު އެބަހުރި. ފަސްދޮޅަސް ހަތެއް ނޫނީ 80 ޕްރޮޕަޓީ ނުކުމެގެން ދެ އަހަރުގެ ތެރޭގައި އުޅޭ އުޅުމަކީ ހަމަ އޭގެ ޒާތުގައި ގޯސް ވިސްނުމެއް. ފަހުން މި އޮތް ޓޫރިޒަމް މޮޑެލްއަކީ އޭގެ ޒާތުގައި އެހާ ކާމިޔާބު މޮޑެލެއް ނޫން."
ޔާމީން ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުންނަކީ އެ މީހުންނަށް ލިބޭ އާމްދަނީން އެ މީހުންގެ ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދޭވަރުގެ އާމްދަނީއެއް ލިބޭ ބަޔަކަށް ވާން ޖެހޭނެ އެވެ.
"ވެލްފެއާ ސްޓޭޓަކުން ހަރަދުކުރަން ނުޖެހޭ ވަރަށް އެ މީހުންގެ ފުދުންތެރިކަން ހުރެފައި، ކުރިއްސުރެ އަހަރުމެން ވާހަކަ ދައްކަމުން އައިގޮތަށް މެޑިކަލް އިންޝުއަރެންސާއި މަސްވެރިންނަށް މަސް ނުބޭނޭ ދުވަސްވަރު، ދަނޑުވެރިންނަށް ދަނޑުވެރިކަން ގޯސްވާ ދުވަސް ވަރު ލިބެންވާ އިންޝުއަރެންސާއި މިކަހަލަ ތަފާތު ކަންތައްތަކެއް (ހަމަޖެއްސިދާނެ)،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޑިމޮކްރެސީ ހަރުދަނާ ކުރެއްވުމުގައި މިހާރު އޮތް ގާނޫނު އަސާސީ އަކީ ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ކަމަށާއި އޭގައިވާ ގޮތަށް އަމަލު ކުރުމުން ރަނގަޅު ވާނެ ކަމަށެވެ.
"މުއައްސަސާތައް އެހެރީ މިނިވަންވެފައި. އަޅުގަނޑުގެ ވިސްނުމުގައި ހަމަ އެއްގޮތަކަށް ވެސް، ރައީސުލްޖުމުހޫރިއްޔާ ބެހެން ޖެހޭ ކަމެއް ނޫން ސްޕްރީމް ކޯޓަށް (ރައީސުލްޖުމްހޫރިއްޔާ ނަންތައް ހުށަހެޅުއްވުމަކީ). އަޅުގަނޑުގެ ވިސްނުމުގައި ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ގޮތުން ބެހެން ޖެހޭ ކަމެއް ނޫން (އެއީ)، އޭނާ އަށް ކަމުދާ މީހުންގެ ނަންނަން ފޮނުވުމަކީ. އެކަން އޮންނަން ޖެހޭނީ ފްރީކޮށް ދޫކޮށްލާފައި. އިއުލާންކޮށްގެން، ނޫނީ އެ އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ތެރެއިން ހުރިހާ ނަންތައް އަންނަންވީ މަޖިލީހަށް. މަޖިލީހަށް އައިސްފައި، މަޖިލީހުގައި ޑިމޮކްރެސީގެ މި މުއައްސަސާތަކަށް ލާނެ މީހުން ނިންމަންވީ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ