ޑިއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރި މައްސަލަ އަންނަ ހަފުތާ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ވިދާޅުވީ އެ މައްސަލަ ހުށަހެޅުން ފަސްކޮށްލީ ޕާޓީން ވަކިކުރިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައި އޮތުމުން ކަމަށެވެ.
"އެ މައްސަލަ ހުށަހަޅައިފި ނަމަ ކެމްޕޭނަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ މަޑުކުރީ. ނަމަވެސް އަހަރެންގެ މަގާމު (ޑެޕިއުޓީ ލީޑަރުކަން) ހޯދުމަށް ދައުވާ ހުށަހަޅާނަން. އެކަމަށް މިހާރު ތައްޔާރުވަމުން މިދަނީ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ ގަބޫލްކުރައްވާ ގޮތުގައި އަދިވެސް އޭނާ އަކީ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށާއި އެ މަގާމުން އޭނާ ވަކިކުރެވޭނީ ހަމައެކަނި ކޮންގްރެސް އިން ކަމަށެވެ.
ޕާޓީން ވަކިކުރުމަށް ފަހު ވެސް އުމަރު ޑީއާރުޕީގެ ނަމުގައި ކަންކަން ކުރައްވަނީ ޕާޓީ އިތުރަށް ބައިބައިކުރުމަށް ކަމަށް އެޕާޓީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ވިދާޅުވެފަ އެވެ. އަދި އުމަރަށް އިޝާރަތްކުރައްވާ، ޕާޓީން ވަކިކޮށްފައި ހުރި މީހަކު ބައިވެރިވާ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ލީޑަރު އަހުމަދު ތަސްމީން އަލީ ދާދި ފަހުން ވިދާޅުވި އެވެ.
ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ބާއްވަވަމުން އަންނަ ހުރިހާ ބައްދަލުވުމެއްގައި ވެސް އެމަނިކުފާނުގެ އެންމެ އަރިސްކޮށް އުމަރު އިންނަވަ އެވެ.
ޕާޓީން ވަކިކުރި މައްސަލަ އަންނަ ހަފުތާގައި ކޯޓަށް ހުށަހަޅާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ