ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވެސް ތާއީދު ކުރި އެވެ. އެހެންވެ މައްސަލައަށް ބަހުސް ކުރުމަށް 40 މެންބަރުންގެ ވޯޓާ އެކު ފާސްވި އެވެ.
ތަފްސީލު - ހުސައިން ޒިޔާދުގެ ކުއްލި މައްސަލައިގައި އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ، ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭ ގޮތް ނުވުމާއި ގިނަ އަދަދެއްގެ ބޮޑު ކަންނެލި ނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާތީ އެވެ. އެހެންވެ، އޭނާ ކުއްލި މައްސަލަ ހުށަހެޅުއްވީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
އޭނާ ވިދާޅުވީ:
މިހާރު ވެސް 120 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ނުކިރި އެކި ދޯނިތަކުގައި އެބަހުރި
އެ ކަންނެލި ނުކިރި އެގޮތަށް ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވުމުގެ ބިރު އެބަ އޮތް އަދި ކިއުގައި އެތައް ދުވަހެއް ވަންދެން މަޑުކުރަން ވަނީ ޖެހިފައި
އެހެންވެ އެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން
"މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު އެކަށީގެންވާ މިންވަރަށް މަސް ކިރޭނެ ގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތަކެއް ތަކުލީފެއް [ދަނީ ކުރިމަތިވަމުން]،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް އަދިވެސް ނުފުއްދޭތީ އެކަމާ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
މަސްވެރިން ބާނާ ބޮޑު ކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތަށް ހެދުމާއި ބޮޑު ކަންނެލީގެ އަގު 80ރ. އާއި 100ރ.އާ ދެމެދުގައި ބެހެއްޓުމަކީ ރައީސްގެ ވައުދެއް
ނަމަވެސް މިއަދާ ހަމައަށް ވެސް އެ ވައުދު ފުއްދާފައެއް ނުވޭ
މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަކަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރާ ބައެއްކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ މި ސިނާއަތުގެ ކަންކަން ދަށަށް ދިޔުމަކީ އެ އާއިލާތަކުގެ ހާލަތު ދަށްވެ، އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށެވެ.
ކުއްލި މައްސަލައިގައި އޭނާ ގޮވާލެއްވީ މި މައްސަލަ ހައްލުކޮށް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތައް ފުއްދެވުމަށެވެ.
ބޮޑު ކަންނެލި ނުކިރޭ ކަމަށް ބުނެ އިދިކޮޅުން މަޖިލީހަށް ކުއްލި މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ