ދުނިޔޭގެ ފެތުމުގެ މުބާރާތުން އާން އަށް އިތުރު ގައުމީ ރެކޯޑެއް ދުނިޔޭގެ ފެތުމުގެ މުބާރާތުން އާން އަށް އިތުރު ގައުމީ ރެކޯޑެއް

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ދުނިޔޭގެ ފެތުމުގެ މުބާރާތުގެ، ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް މުހައްމަދު އާން ހުސައިން ގައުމީ ރެކޯޑް އާކޮށްފި އެވެ.
އާން ގައުމީ ރެކޯޑް އާކުރީ 00:23.81 އިން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން ވެސް މި ރެކޯޑް އޮތީ އާން އަތުގަ އެވެ. އެ ފަހަރު, އާން ރެކޯޑް ހެދީ މިދިޔަ އަހަރު ޕެރިހުގައި ކުރިއަށްދިޔަ އޮލިމްޕިކްސް ގޭމްސްގައި ވާދަކޮށް 00:24.22 އިން ރޭސް ނިންމައިގެންނެވެ.
މި ފަހަރުގެ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ޖުމްލަ ހަތް ގައުމީ ރެކޯޑް ވަނީ ހަދައިފަ އެވެ. އޭގެ ތެރޭގައި އާންގެ ދެ ރެކޯޑް ވެސް ހިމެނެ އެވެ.
އެއީ، 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، މުހައްމަދު ރިހާން ޝިހާމް ހެދި ގައުމީ ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި، އާން ހެދި ރެކޯޑްގެ އިތުރުން އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް މެރާލް އައިން ލަތީފް ހެދި ގައުމީ ރެކޯޑް އަދި، ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އެވެ. މީގެ އިތުރުން ރާއްޖޭގެ އަމްނާ ތަޒްކިޔާ މިރުސާދު ވަނީ ދެ ރެކޯޑެއް ހަދާފަ އެވެ. އެއީ، އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު، ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް ހެދި ގައުމީ ރެކޯޑާއި، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް ހެދި ގައުމީ ރެކޯޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ