އެކުގައި ކުރިއަށް ގޮސްފި ނަމަ އެތައް ތަރައްގީއެއް ހާސިލުކުރެވޭނެ: ރައީސް

އެކުގައި، އެއް އަޒުމެއްގައި ކުރިއަށް ގޮސްފިނަމަ އެތައް ތަރައްގީއެއް ހާސިލްވާނެ ކަމަށް ވިދާޅުވެ، އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސް މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް މިރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް (ޓީ1) ހުޅުވުމަށް މިރޭ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާ ޓާމިނަލަކީ ރާއްޖޭގެ ޓޫރިޒަމާއި އިގްތިސޯދު ކުރިއެރުވުމަށް މުހިއްމު މަސައްކަތަކަށް ވާނެ ކަމަށެވެ.
ތަފްސީލް - މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަން މުހިއްމު ކަމަށާއި މިނިވަން ދުވަހާ ދިމާކޮށް ޓާމިނަލް ހުޅުވަން ގަސްދުކުރެއްވީ އެ ސަބަބާ ހުރެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ ފަހުރުވެރި މާޒީއެއް އޮތް ގައުމެއް ކަމަށާއި ހުރިހާ ކަމަކަށް ވުރެ އިސްކުރަންވީ ގައުމު ކަމަށެވެ.
"އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތާއި އަޅުގަނޑުމެންގެ ޒާތީ ތައައްސުބާއި އަޅުގަނޑުމެންގެ ހުރި ކޮންމެ ކަމަކަށް ވުރެ އިސްކުރަންވީ ދިވެހި ގައުމު. ދިވެހި ގައުމު އިސްކޮށް، އެންމެން އެކަތިގަނޑަކަށްވެ، މި ގައުމު ކުރިއެރުވުމުގައި މި ގައުމު ކުރިއެރުވުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި އަޅުގަނޑުމެން ކިޔަންވީ އެކައްޗެއް، އެއް ލަވައެއް. އެއް ބަހަކުން، އެއް ރާގެއްގައި، އެއް ވާނެއްގައި ވާހަކަ ދައްކަންވީ،" ރައީސް ވިދާޅުވި އެވެ.
އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމު އުފާ ފާގަތިކަން މަތީ ވާސިލްކޮށްދެވޭނީ އޭރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެން އެކަކަށް ވެސް ރެކިގެން ދުރަށް ނުދެވޭނެ ހަގީގަތެއް އެއީ،" ރައީސް ވިދާޅުވި އެވެ.
އެންމެން އެކުގައި ކުރިއަށް ގޮސްފި ނަމަ، މިފަދަ އެތައް ތަރައްގީއެއް ހާސިލްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބިނާ ތަކާއި އަދި މާނަވީ ގޮތުން ވެސް ގައުމު ތަރައްގީވެގެންދާނެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީވެގެން ދާނެ. ވަށާ ޖެހޭ ތަރައްގީ ދާދި ފަސޭހައިން ހާސިލްވާނެ. ސިކުނޑީގެ ތަރައްގީ އާއި އުމްރާނީ ތަރައްގީ އެކު އެކީ ހާސިލްވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަކީ ރާއްޖެ އެތައް ހަރުފަތެއް ކުރިއަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ.
ފާހަގަ ކުރެވޭ - ވީއައިއޭގެ ޓީ1 ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޑްރޯން ޝޯއަކާ އެކު މާލެ ސަރަހައްދު ވަށައިގެން ހަވާ އެރުވުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ރައީސް މުއިއްޒު ވަނީ އާ ޓާމިނަލްގެ މަސައްކަތަށް ރައީސް އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ