ރަސްމާލެއަށް ހިއްކާ ސަރަހައްދުތަކުގައި ޑައިވް ނުކުރަން އެދިއްޖެ
'ރަސްމާލެ' ތަރައްގީ ކުރުމަށް ކ. ފުށިދިއްގަރުފަޅުން ހިއްކަމުން އަންނަ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޑީސީން ނެރުނު އިއުލާނެއްގައި ވަނީ ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް 'ސީ'އާއި 'އީ'ގެ ވެލިނެގުމަށްޓަކައި، ޑްރެޖަރު 24 ގަޑިއިރު ބޭނުންކުރަމުންދާނެ ކަމަށެވެ. އަދި ބިން ހިއްކުމަށް ވެލިނަގަން ހަމަޖެހިފައިވާ ސަރަހައްދުގައި ޑްރެޖަރު ބޭނުންކުރާނެ ސަރަހައްދާއި ޑްރެޖަރު ދަތުރުކުރާނެ ގޮތުގެ ޗާޓެއް އެ ކުންފުނިން ވަނީ އާންމުކޮށްފައެވެ. ބިން ހިއްކަން ވެލި ނަގާ ސަރަހައްދު -- ފޮޓޯ/ އެޗްޑީސީ އެޗްޑީސީން ބުނީ އެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އަދި އެ ސަރަހައްދުން ކަނޑު ދަތުރުކުރާއިރު ވެސް ރައްކާތެރިކަމަށް ސަމާލުކަން ދިނުނަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޑީސީން ވަނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އަށް ގުޅުމުންނާއި [email protected] އާއި [email protected]އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް ބުނެފައެވެ. ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ. ނަމަވެސް މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ. ބިން ހިއްކުމުގެ މަސައްކަތްކުރާއިރު، ޑުރެޖަރު ގެންދާނެ ގޮތް -- ފޮޓޯ/ އެޗްޑީސީ އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ. އެކި ސަބަބުތަކާ ހެދި، ރަސްމާލެ ހިއްކުން އެކި ފަހަރު މަތިން ހުއްޓިފައި ވެސް ވެއެވެ. އެޗްޑީސީން މިދިޔަ ހުކުރު ދުވަހު ވަނީ، ރަސްމާލެއާއި ގުޅީފަޅާއި އުތުރުތިލަފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމަށް ޓަކައި އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުންކުރަން ފަށާނެ ކަމަށް ބުނެފައެވެ. ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި، އެ މަނިކުފާނުގެ އެންމެ ބޮޑު މަޝްރޫއެވެ. ތިމާވެއްޓާ ރައްޓެހި އީކޯ ސިޓީއެއްގެ ގޮތުގައި މި ތަން ތަރައްގީކުރާއިރު، މި ތަނުގައި 11،000 އެއްހައި ސޯޝަަލް ހައުސިން ތަރައްގީކުރަން ރައީސް ވަނީ ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ