އިސްރާއީލުގެ ހަމަލާއަކުން ސަލާމަތްވަނިކޮށް އީރާނުގެ ރައީސް ޒަޚަމްވި: ރިޕޯޓު
މިދިޔަ މަހު 15 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވި ގައުމީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޒަޚަމްވެވަޑައިގެން ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީން ބުނެފިއެވެ. އެ ހަމަލާ ސަރުކާރުގެ ތިން ގޮފީގެ އިސްވެރިންނަށް އަމާޒުކޮށްފައިވާ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް އޮފިޝަލަކު ވިދާޅުވިއެވެ. އީރާނުގެ އަސްކަރިއްޔާ ގުޅުން އޮންނަ ފާސް ނޫސް އެޖެންސީން ބުނީ އެ ހަމަލާ ދީފައި ވަނީ މެންދުރުފަހުގެ ވަގުތެއްގައި ސަރުކާރުގެ އެގްޒެކެޓިވް، ލެޖިސްލޭޓިވް، އަދި ޖުޑިޝަލް ބްރާންޗްގެ އިސްވެރިންނާއެކު އެހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބައްދަލުވުން ބޭއްވި ބިންގަރާހަށް ވަންނަ ދޮރާ ދިމާލަށް ބޮމުގެ ހަމަލާ އިސްރާއީލުން ދިނެވެ. އެ ހަމަލާ ދިނުމާއެކު އެތަނުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ނަމަވެސް އިމާޖެންސީގައި ބޭނުންކުރަން ހަދާފައި ހުރި ދޮރަކުން އޮފިޝަލުން އެތަނުން ނުކުމެވެވަޑައިގެންނެވި ކަމަށާއި އޭގެތެރޭގައި ރައީސް ޕެޒެޝްކިއަންވެސް ހިމެނިވަޑައިގަންނަވާ ކަމަށް ފާސްއިން ރިޕޯޓުކޮށްފައިވެއެވެ. އެ ހަމަލާގައި ޒަޚްމަވީ ރައީސްގެ ފައިންޕުޅެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން މިހާރު ގެންދަނީ މިފަދަ ބައްދަލުވުންތަކުގެ މައުލޫމާތު އިސްރާއީލަށް ލިބޭ ގޮތް ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ. މިދިޔަ ހަފްތާގައި ޕެޒެޝްކިއަން ވަނީ އެމެރިކާގެ މީޑިއާ ފިގާ ޓަކާ ކާލްސަން އަށް ދިން އިންޓަވިއުއެއްގައި އެމަނިކުފާނު އަވަހާރަކޮށްލަން ވެސް އިސްރާއީލުން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ. "އަހަރެންގެ ފުރާނައަށް އަރައިގަތުމަށް ކުރި މަސައްކަތުގެ ފަހަތުގައި އޮތީ އެމެރިކާއެއް ނޫން. އެއީ އިސްރާއީލު. އަހަރެން ހުރީ ބައްދަލުވުމެއްގައި. އެމީހުން މަސައްކަތް ކުރީ އަހަރެމެން އެ ބައްދަލުވުން ބާއްވަމުން ދިޔަ ސަރަހައްދަށް ބޮން އަޅަން،" އެ އިންޓަވިއުގައި ޕެޒެޝްކިއަން ވިދާޅުވިއެވެ. ޕެޒެޝްކިއަން ޒަޚަމްވެވަޑައިގެން ކަން ހާމަކޮށްފައި މި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިންތާ މަސް ދުވަސްވީ ފަހުންނެވެ. އިސްރާއީލުގެ އެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އިސް ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންސްވެރިން މަރުވެފައިވެއެވެ. އިސްރާއީލުގެ ހަމަލާތައް ދީފައިވަނީ ނިއުކްލިއާ މަޝްވަރާތައް އީރާނާއި އެމެރިކާއިން ކުރަން ފެށިތަނާއެވެ. އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން މަޝްވަރާތައް ކުރުން ވަނީ ހުއްޓާލާފައެވެ. އެ ހަނގުރާމައިގެ ތެރޭގައި އީރާނުގައި 1060 މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ފައުންޑޭޝަން އޮފް މާޓިއާސް އެންޑް ވެޓެރަންސް އެފެއާޒްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ