ބީއެމްއެލްގެ 40ވަނަ ބްރާންޗް ދުވާފަރުގައި ހުޅުވައި ޚިދުމަތްދޭން ފަށައިފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40ވަނަ ބްރާންޗް ރ. ދުވާފަރުގައި މިއަދު ހުޅުވައިފިއެވެ. ދުވާފަރުގައި ގާއިމްކުރި ބީއެމްއެލްގެ ބްރާންޗް ހުޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ޑެޕިއުޓީ ސީއީއޯ އަދި ސީއޯއޯ ސަހާ ވަހީދު ބައިވެރިވެވަޑައިގެންފައި ވެއެވެ. ބީއެމްއެލުން ބުނީ، ދުވާފަރުގައި ހުޅުވި ބްރާންޗުން ޚިދުމަތް ދޭނީ އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށެވެ. ދުވާފަރުުގައި މިއަދު ހުޅުވި ބްރާންޗް ހިމެނޭހެން، 40 ބްރާންޗަކާއި 133 ސެލްފް ސާވިސް ސެންޓަރުތަކާއި 188 އޭޓީއެމްގެ އިތުރުން، އޭޖެންޓް ބޭންކިން ޚިދުމަތް ވެސް ބީއެމްއެލުން ދެމުން ގެންދެއެވެ. ފާހަގަކުރެވޭ ގޮތުގައި ބީއެމްއެލްގެ އެންމެ ފުރަތަމަ ބްރާންޗް ހުޅުވީ ވެރިރަށް މާލޭގައި 1982ވަނަ އަހަރުއެވެ. ބީއެމްއެލުން ބުނީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން މީހުން ކޮންމެ ރަށަކުން ވެސް ބޭންކިން ހިދުމަތް ލިބޭނެ ގޮތަށް ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ