އީޔޫގެ އޭއައި ގަވާއިދާ މެދު ޓެކްނޮލޮޖީ ދުނިޔެ ދެބައިވަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތައާރަފުކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އާ ގަވާއިދާ މެދު ޓެކްނޮލޮޖީގެ ދުނިޔެ ދެބައިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ބޮޑެތި ކުންފުނިތަކުން ޚިޔާލުތަފާތުވެފައިވާ މި ދަނޑިވަޅުގައި، މައިކްރޮސޮފްޓުން އެ ގަވާއިދުގައި ސޮއިކުރަން ތައްޔާރުވެފައިވާއިރު، ފޭސްބުކާއި އިންސްޓަގްރާމްގެ މައި ކުންފުނި މެޓާއިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ވަނީ އެ ކުންފުނިން އީޔޫގެ "އޭއައި ކޯޑް އޮފް ޕްރެކްޓިސް" ގައި ސޮއިކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މެޓާއިން ދެކެނީ މިއީ މާ ބޮޑު ހައްދެއް ކަމަށެވެ. ޔޫރަޕިއަން ކޮމިޝަނުން ތައާރަފުކުރި މި ޖެނެރަލް-ޕަރޕަސް އޭއައި (ޖީޕީއޭއައި) ކޯޑް އޮފް ޕްރެކްޓިސްގައި ސޮއިކުރާ ފަރާތްތަކުން، އޭއައި ތަމްރީނުކުރާ ޑޭޓާގެ ޚުލާސާތައް ހުށަހަޅައި، ޔޫރަޕިއަން ޔޫނިއަންގެ ކޮޕީރައިޓް ގަވާއިދުތަކާ އެއްގޮތްވާން ޖެހެއެވެ. ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އާއި ފްރާންސްގެ މިސްޓްރަލް ފަދަ ކުންފުނިތަކުން ވަނީ މިހާރުވެސް މި ކޯޑުގައި ސޮއިކޮށްފައެވެ. މެޓާގެ ގްލޯބަލް އެފެއާޒްގެ ޗީފް، ޖޯއެލް ކެޕްލަން ވިދާޅުވާ ގޮތުގައި، މި ކޯޑަކީ ގާނޫނީ ގޮތުން ހައްލުނުވާ މައްސަލަތަކެއް އުފައްދާ އަދި އޭއައި އެކްޓަށްވުރެ ބޮޑެތި ޝަރުތުތަކެއް ހިމެނޭ އެއްޗެކެވެ. މި ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި މެޓާއަކުން ނޫނެވެ. އޭއެސްއެމްއެލް ހޯލްޑިން އާއި އެއާބަސް ފަދަ ޔޫރަޕްގެ ބޮޑެތި ކުންފުނިތަކުންވެސް ވަނީ މި ކޯޑު ދެ އަހަރަށް ފަސްކުރުމަށް ޔޫރަޕިއަން ޔޫނިއަންއަށް ގޮވާލާފައެވެ. މި ކޯޑަށް ތާއީދުކުރާ މައިކްރޮސޮފްޓުން ދަނީ އޭއައިގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ރާވަމުންނެވެ. އެގޮތުން، އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންވާ ޑޭޓާ ސެންޓަރުތަކަށް 80 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން އެކުންފުނިން ރާވާފައިވެއެވެ. އޭއައިގެ ސަބަބުން މައިކްރޮސޮފްޓަށް މިހާރުވެސް ދަނީ މާލީ ފައިދާތަކެއް ލިބެމުންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި، އޭއައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކޯލް ސެންޓަރުގެ ޚަރަދުތަކުން 500 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ސަލާމަތް ކުރެވިފައިވާއިރު، އެ ކުންފުނީގެ އާ ޕްރޮޑަކްޓްތަކުގެ ކޯޑްގެ 35 އިންސައްތަ މިހާރު އުފައްދަނީ އޭއައި ބޭނުންކޮށެވެ. މައިކްރޯސޮފްޓުން އޭއައިއަށް މިހާ ބޮޑު ސަމާލުކަމެއް ދެމުން އަންނައިރު، އެކުންފުނިން ވަނީ މި އަހަރު އެ ކުންފުނީގެ 15,000 މުވައްޒަފުން، ނުވަތަ ޖުމްލަ މުވައްޒަފުންގެ 4 އިންސައްތަ، ވަޒީފާއިން ވަކިކުރަން ނިންމާފައެވެ. މީގެ ތެރެއިން ގިނަ ބަޔަކީ އެކްސްބޮކްސް ވީޑިއޯ ގޭމް ޑިވިޝަންގެ މުވައްޒަފުންނެވެ. އޭއައިގެ ދާއިރާގައި މައިކްރޮސޮފްޓްގެ ހިންގުން ވަރުގަދަ ކުރުމުގެ ގޮތުން، އެ ކުންފުނިން ވަނީ ބްރިޓިޝް އޭއައިގެ މަޝްހޫރު ޝަޚްސިއްޔަތު، މުސްތަފާ ސުލައިމާން، އެ ކުންފުނީގެ އޭއައި އޮޕަރޭޝަންތަކުގެ ވެރިއަކަށް ހަމަޖައްސާފައެވެ. މި ހުރިހާ ކަމެއްގެ ތެރެއިން، މައިކްރޮސޮފްޓާއި އެ ކުންފުނީގެ މުހިއްމު ޕާޓްނަރު އޯޕަންއޭއައިއާ ދެމެދު ހަމަނުޖެހުންތައް އިތުރުވަމުންދާ ކަމުގެ ރިޕޯޓްތައްވެސް ދަނީ ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ