ޝީލާ ބުނަނީ ސޮބާއަކީ ރާއްޖޭގެ "މިތުން" ކަމަށް!
ދިވެހި ފިލްމު އިންޑަސްޓްރީގައި 2000ގެ ކުރީކޮޅު މަގުބޫލުކަން ހޯދި އެކްޓަރު ހުސައިން ސޮބާއަކީ ރާއްޖޭގެ "މިތުން"ގެ ގޮތުގައި ބަތަލާ ޝީލާ ނަޖީބް ސިފަކޮށްފިއެވެ. ބޮލީވުޑްގެ ލެޖެންޑް މިތުން ޗަކްރޮބޮތީ އަކީ ގިނަ ބައެއް ބޮޑުވަމުން އައި އިރު ކޮންމެ ވެސް އިރެއްގައި ފެނިފައި ހުންނާނެ އެކްޓަރެކެވެ. އަދި އޭނާއަކީ ގިނަ ބަޔަކު ސަޕޯޓުކުރާ ތަރިއެކެވެ. ޝީލާ ވަނީ ސޮބާއަކީ ލެޖެންޑެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޝީލާއާއި ސޮބާ މި ވަގުތު އަންނަނީ އެކީގައި ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަމުންނެވެ. ގިނަ ދުވަހުގެ ބްރޭކަކަށްފަހު ސޮބާ އަލުން އެކްޓިންއަށް ނިކުންނައިރު ދެ މީހުން އެކީގައި މަސައްކަތް ކުރަމުން އަންނަނީ މަޝްހޫރު ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ "ސޮރީ"ގައެވެ. މިއީ އެކި ސަބަބުތަކާ ގުޅިގެން މިއަހަރުގެ ދިވެހި ސިނަމާއަށް މުހިއްމު ފިލްމެކެވެ. https://www.tiktok.com/@shielanajeeb/video/7481788885077642514 ފިލްމުގެ ސެޓުގައި ނެގި ވީޑިއޯއެއްގައި ޝީލާ ބުނެފައިވަނީ ސޮބާ އަކީ ރާއްޖޭގެ މިތުން ކަމަށެވެ. އަދި ސޮބާ ފަދަ ލެޖެންޑަކާއެކު މަސައްކަތް ކުރަން ލިބުމުން އެކަމާ ވަރަށް އުފާކުރާކަމަށް ވެސް ޝީލާ ފާހަގަކޮށްފައިވެއެވެ. ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޝީލާ ބުނެފައިވަނީ ސޮރީއަކީ ވަރަށް އުއްމީދުކުރެވޭ ފިލްމަކަށް ވާނެ ކަމަށެވެ. ސޮރީގައި ޝީލާ އާއި ސޮބާ ފެނިގެންދާނީ ސަޕޯޓިން ރޯލަކުންނެވެ. ނަމަވެސް ދެ މީހުންގެ ރޯލަކީ ވެސް ފިލްމުގެ ޕްލޮޓަށް ވަރަށް މުހިއްމުވާނެ ދެ ރޯލު ކަމުގައި މައުލޫމާތު ލިބެއެވެ. މި ފިލްމުގައި ލީޑުން ފެނިގެންދާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި މާމަ ދަރިފުޅު އެވެލީ ވެސް މި ފިލްމުގެ ކާސްޓުގެ ތެރޭގައި ހިމެނެއެވެ. ނަހުލާ ދިގު ބްރޭކަށް ފަހު ނެރޭ ފުރަތަމަ ފިލްމު ސޮރީ ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫންމަހުގެ 17އިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ