ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައެވެ.
މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކާއެކު އިންޓަވިއު ކުރެއްވުމަށްފަހު، ޖޭއެސްސީން މި ނިންމުން ނިންމެވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގެ އުސޫލުގެ ދަށުން، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެ ނަން ފޮނުއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލުކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ މި މަޤާމު ހުސްވެފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ތަޙުޤީޤުކުރަން ފެށުމާ ގުޅިގެން، އެ ކޯޓުގެ ފަނޑިޔާރު ޙުސްނުއް ސުޢޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި މަޤާމަށް ދެފަހަރެއްގެ މަތިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނެވެ.
މި މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ އިތުރުން، ކުރީގެ ސިވިލް ކޯޓުގެ ޤާޟީ މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.
ފަނޑިޔާރު ޙުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެއްވުމަށް ލަފާއެރުވުމަށް ޖޭއެސްސީ ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ