12 ފެބުރުއަރީގެ ބަޔާ ގުޅޭ
އެވަރުން ވެސް ރައިނާ ހުރީ އެތަނުން ދުރަށް ދާގޮތަކަށް ނޫނެވެ. ތިންވަނަ
ފަހަރު ކުރިއަށް ޖެހުމާ އެކު އޭނަގެ ފަހަތުގައި ހުރެފައި ހިފެހެއްޓީ ހަމްރާއު
އައިހެވެ. ރައިނާ ހިނގާށޭ ދާން ބުނި އަޑަށް ހޫރައިންއަށް ކުއްލިއަކަށް
އިސްއުފުލާލެވިއްޖެ އެވެ. އެކަމަކު ހަމްރާއު ރައިނާގެ އަތުގައި ނިކަން ބާރަށް
ހިފަހައްޓައިގެން ރައިނާގެ އަތަށް ދަމަމުން ނިކުމެގެން އެ ދިޔައީ އެންމެ
ފަހަރަކު ވެސް އިސްއުފުލާ އޭނައަށް ބަލައި ވެސް ނުލަ އެވެ.
ހޫރައިންގެ ހިތް ކުދިކުދިވެގެން އެތައް މިލިއަން އެތިކޮޅުތަކަށްވެގެން
ބުރަބުރައިގެން ދިޔަ ކަހަލަ އެވެ.
ހޫރައިންގެ އަތުގައި ހިފައިގެން ނިކުމެ ޓެކްސީއެއް ހުއްޓުވާފައި އަރުވައިގެން
ދެ އެކުވެރިން އޭނައާއެކު ގެއާ ހަމައަށް ދިޔަ އެވެ. އެ މީހުން ހޫރައިންއާ ވަކިވީ އެ ގެ
ހުންނަ މަގުމަތިންނެވެ.
ގެއަށް ވަން ގޮތަށް ހޫރައިންގެ މިސްރާބު ފުރަތަމަ ވެސް ހުރީ ކޮޓަރިއަށެވެ.
ނަބީލާއަށް އޭނަ ފެނިގެން ކޮންމެވެސް އެއްޗެކޭ ބުނިކަން އެނގުނު ނަމަވެސް އެ ބުނި
އެއްޗެއް ސާފެއް ނުވި އެވެ. ކޮޓަރިއަށް ވަދެ ދަބަސް ދޫކޮށްލާފައި ބުރުގާ ވެސް ނަގައި
ގޮނޑިމައްޗަށް އެއްލާލާފައި ހޫރައިން ވަނީ ފާހާނާއަށެވެ. ވުލޫ ކުރަމުން ދިޔައިރު
ހުއްޓުމެއްނެތި ލޮލުން ކަރުނަ އަންނަމުންދިޔަ އެވެ. އެކަމަކު އޭނަގެ
ހަރަކާތްތަކަށް އެއްވެސް މަޑުޖެހުމެއް ނާދެ އެވެ.
އިރުކޮޅަކުން ކޮޓަރިއަށް ނިކުމެ އަލަމާރިން މުސައްލަ ނަގައި ތިރީގައި
ފަތުރާލައިފައި މެންދުރު ނަމާދު ކުރަން ފެށި އެވެ. ރޮވޭ ހާލުގައި ނަމާދުކޮށް
ނިންމާލައިފައި އިށީނދެ ދުއާއަށް ދެ އަތް ނެގި ގޮތަށް އެތައް އިރަކު އެހެން އިނެވެ.
އޭނަ އެތަނުން ތެދުވީ ނަބީލާ އައިސް ދޮރުގައި ޓަކި ޖަހަން ފެށީމަ އެވެ.
"ނުއެއް ކާނަންތަ؟" ހޫރައިން އައިސް ދޮރު ކުޑަކޮށް ހުޅުވާލައިފައި
ބޭރަށް ބޯދިއްކޮށްލުމާ އެކު ނަބީލާ އެހި އެވެ.
"ބަނޑުހައެއް ނޫން،" ހޫރައިން ތިރި ބަލައިލީ ނަބީލާއަށް އޭނަގެ
ލޮލުގެ ރަތްކަން ފާހަގަވެދާނެތީ އެވެ.
ނަބީލާ ރައްދުދޭން އުޅެފައި ހަނާން ގޮވާ އަޑަށް އެތަނުން ދާން އެނބުރުމާ އެކު
ހޫރައިން ވެސް އަނެއްކާ ކޮޓަރިތެރެއަށް ދެމިގަތެވެ.
***
"ނަބީލާ، ހޫރައިން ގޭގައި ނޫޅެނީތަ؟" އެއް ރެއަކު ރޭގަނޑު ކާން އިނދެފައި
އަމްރު އެހި އެވެ.
އެ މީހުންނާ އެކު ސާއިމް ވެސް އެ ވަގުތު މޭޒު ދޮށުގައި އިނެވެ. ހަނާން މާ ކުރިން
ކައިގެން ނިދައިފި އެވެ.
"އުނހު. ކޮޓަރީގަ ވީ. ކިހިނެއްވީ ތިހެން ތި އެހީ؟" ނަބީލާ
ނޫން ކަމަށް ހެދިފައި އެހި އެވެ.
"މިހެން މި ބުނީ އެ މަންޖެ ގެއިން އެއްގޮތަކަށް ވެސް ނުފެންނާތީ މިހާރު.
މިއަދު ވެސް ހެނދުނު ކޮލެޖަށް ދާން ނިކުތް ފަހަކުން ނުދެކެން. އަބަދު ކިޔެވުމުގަ
އުޅުނަސް ނުކައި ނުބޮއި ނުވާނެއެއްނު އުޅެގެނެއް. ނަބީލާ ބަލަންތަ އެ މަންޖެ ކައިގެންތޯ
އުޅެނީ؟" އަމްރުގެ ކަންބޮޑުވުން ގުޅިފައި ހުރީ ދަރިފުޅުގެ ސިއްހަތާ އެވެ.
ސާއިމް އެ ވަގުތު ބަލައިލިކަން ނަބީލާއަށް ފާހަގަވި އެވެ. އެކަމަކު ޖަވާބު
ދިނުމުގެ ކުރިން ނަބީލާ ސާއިމްއަކަށް ނުބަލަ އެވެ.
"އަހަރެން ބުނަން ކައިގެން ކިޔަވާށޭ. ބައެއް ފަހަރު އެތެރެއަށް ވެސް
ގެންގޮސްދެން ކާއެއްޗެހި،" ނަބީލާ އަމިއްލަ ދިފާއުގައި ވާހަކަދެއްކި އެވެ.
ސާއިމް މަޑުކުރީ އަމްރު ތެދުވެގެން ދާން ދެނެވެ. އޭނަ އިނީ ތަންކޮޅެއް
ލަސްލަހުން ކާލަކާލަ އެވެ. ދޮންބައްޕަ ނިކުތުމާ އެކު އެނބުރި ދޮރާ ދިމާއަށް
ބަލާލައިފައި މަންމަގެ މޫނަށް ބަލައިލި އެވެ.
"ބޭބެ ކައިރީ އެކަކު ވެސް ނުބުނޭތަ؟ އެ ރަށު މީހުން ވެސް ދިމާވާނެއެއްނު
މާލެ ތެރެއިން،" ސާއިމް އާދައިގެ ވާހަކަދައްކާ ވަރަށް ވުރެ މަޑުން ފެށި އެވެ.
"އެއްވެސް މީހަކަށް ކެރޭނެތަ އެ މީހެއްގެ ދަރިއެއްގެ ވާހަކަ އެ މީހަކު
ކައިރީ ކިޔަން،" ނަބީލާއަށް ހީވާ ގޮތަށް ބުނެލި އެވެ.
އަހަރެންނަށް ރަނގަޅީ ވެސް އަމްރުއަށް ނޭނގުނިއްޔާ. އެހެން ނޫނީ ނޭނގެ އަމްރު
ހަދާނެ ގޮތެއް ވެސް. އޭނައަށް ވާނެ ގޮތެއް ވެސް،" ހިޔާލަށް ގެއްލެމުން ނަބީލާ
އިރުކޮޅަކުން އިތުރަށް ބުނެލި އެވެ.
***
ކޮޓަރި ތެރޭގައި ހޫރައިން އޮތީ އެނދަށް ވެއްޓިގަނެގެން ސީލިންގާ ދިމާއަށް
ނަޒަރު ހުއްޓާލައިގެންނެވެ. ލޮލުން ފޭދެމުންދިޔަ ކަރުނަތަކުން ބޯ އަޅައިގެން އޮތް
ބާލީސް ތެމެމުން ދިޔަ އެވެ. އެންމެންގެ ތެރޭގައި ހަމްރާއުގެ އަންހެނުން އޭނަގެ
މޫނުގައި ޖެހިފަހުން ވީ ދެ ދުވަހެވެ. އޭނަގެ އެއްބަނޑު އެއްބަފާ ބޭބެ ހާރިސް އާއި
އޭނަގެ އަންހެނުން ގުޅައިފި އެވެ. ރަށުތެރޭގައި އޭނައާ ބެހޭގޮތުން ފަތުރައިގެން
އުޅޭ ވާހަކައިގެ ހަގީގަތް ހޯދަން އެ މީހުން ޖަވާބަކަށް އެދުނީ އޭނަގެ ކިބައިންނެވެ.
ހޫރައިން ކިޔަވަން ހުރި ގެއަށް ނިސްބަތްވާ ރައިނާގެ ފިރިމީހާ އާއި ހޫރައިންގެ ލޯބީގެ
ވާހަކައަކީ ތެދެއްތޯ ނުވަތަ ނޫންތޯ އެ މީހުން ސާފުކުރަން ބޭނުންވީ ހޫރައިންގެ
އަނގައިންނެވެ. ހޫރައިން އެ ވަގުތު ވެސް ދޮގެކޭ ބުނެފި ނަމަ އެ މީހުން ތިބީ އެކަން ގަބޫލުކުރާށެވެ.
ވަގުތުން ހޫރައިންއަށް ފޯނު ކަނޑާލެވުނީ އެވެ. ބިރުން އޭނަގެ މޭގަނޑު ރޫރޫއަޅަން ފެށި އެވެ. ބައްޕަގެ ކަންފަތާ ހަމައަށް އެ ވާހަކަ ހިނގައްޖެ ނަމަ އޭނައަށް
ހަދާނެ ގޮތެއް ވެސް ނޭނގެ އެވެ. ރަށުގެ އެންމެން އޭނައާ ދިމާއަށް މިހާރު ކިޔާނީ
ކޮން ފަދަ ހަޑިހުތުރު ނަންނަމުން ކަމެއް ނޭނގެ އެވެ. އޭނަ އެއީ ރަށުގައި ދިރިއުޅޭ
މީހަކަށް ނުވިއަސް އެފަދަ ހަބަރެއް ފެތުރެމުންދާއިރު އެއީ ކަމަކަށް ނުވެ
ހަމަޖެހިލައިގެން ހުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ހާރިސްއަށް ދެން ގުޅީ ހޫރައިން އަމިއްލަ އަށެވެ.
"ޕްލީޒް، ޕްލީޒް، ބައްޕަ ކައިރީ ނުކިޔާތި،" ރޮވިފައިވާ އަޑަކުން
ހޫރައިން ފުރަތަމަ ވެސް އާދޭސްކުރި އެވެ.
ދެވަނަ ފަހަރު ފޯން ކަނޑާލީ ހާރިސް އެވެ. އެކަމަކު ހޫރައިންގެ ހިތް
ކުދިކުދިކޮށްލައިފަ އެވެ. ދެން ދުވަހަކުވެސް އޭނައަށް ގުޅައިގެން ނުވާނެ ކަމަށާއި
ހޫރައިން އެއީ އޭނަގެ ކޮއްކޮ ނޫން ކަމަށް ނިންމާފަ އެވެ.
ފަހުން ނާޒް ގުޅައިގެން ހޫރައިންއާ ވަރަށް ގިނަ ވާހަކަދެއްކި އެވެ. ޗުއްޓީގައި
ހޫރައިން ގޮސް ހުރިއިރު ހަމްރާއު އެ ރަށަށް ގޮސް މަޑުކުރިކަން އެތައް ބަޔަކަށް ވަނީ
އެނގިފަ އެވެ. ފެތުރެމުންދިޔަ ވާހަކައަށް އިތުރު ބާރެއް ދިނީ އެ ހަގީގަތެވެ.
"ހޫރައިންއަކަށް ނޭނގޭނެ މީހުން ކިޔާ އެއްޗިއްސެއް. ހާދަ ފާޑުފާޑު
އެއްޗެހި އިތުރުކޮށްގެން ކިޔައޭ. މިކަމާ ގުޅުވައިގެން މުޅި އާއިލާގެ ނަން
ހުތުރުކޮށްގެން މީހުން ކިޔަނީ. ހާރިސްއަށް ވެސް އެ އިލްޒާމުތަކުން
ސަލާމަތެއްނުވެވުނު. ހޫރައިންމެންގެ ބައްޕަ އާއި މަރުހޫމު މަންމަ ވެސް އެ މީހުން
ދޫނުކުރޭ. އެނގެއެއްނު ދެން ރަށްރަށުގަ މީހުންގެ ކަންތައް ހުންނާނެ ގޮތް،"
ނާޒް ހޫރައިންއަށް ވިސްނައިދެމުން ކިޔައިދިނެވެ.
އެ ދުވަހު ރީޝް ވެސް ހޫރައިންއަށް ގުޅި އެވެ. އަދި ރީޝް ވެސް ގުޅީ ހޫރައިންއާ
ހަމްރާއުގެ ވާހަކަ އަހައިގެންނެވެ. ރީޝް ކިޔައިދިން ގޮތުން އެ ރަށުގައި ވެސް އެންމެ ތާޒާ
ވާހަކައަކަށް މިހާރު އޮތީ އެ ވާހަކަ އެވެ. އެކަމަކު ރީޝް ހުރީ ހޫރައިން ދެކެ ރުޅިއައިސްފައެއް ނޫނެވެ. ހޫރައިން ކުޑަކޮށް ހައިރާންވި އެވެ.
"އަހަރެން މީ ކުރީގެ ރީޝް ނަމަ އަސްލު ހިތަށް އަރާނެ ކަންނޭނގެ އަހަރެން
އަބަދުވެސް ހޫރައިންއާ ބެހޭގޮތުން މަންމަމެން ކައިރީ ދެއްކި ވާހަކަތަކުގެ ޕްރޫފްއެކޭ
މީ. އެކަމަކު އައިމް ނޮޓް ހެޕީ އެބައުޓް ދިސް ރޫމާޒް އިނގޭ. ބީ ސްޓްރޯންގް. މި ދުވަސް ވެސް
ހިނގައިދާނެ،" ރީޝް ހޫރައިންއާ މެދު ހަމްދަރްދީ ފައުޅުކުރި އެވެ.
ހޫރައިންއަށް ލިބުނު ހަމައެކަނި ހިތްވަރުގެ ބަސްކޮޅަކީ އެއީ އެވެ. އަދި އެ ވެސް
އެންމެ ހީނުކުރާ މީހާގެ ފަރާތުންނެވެ.
އެންމެ ފަހުން އެ ދުވަހަކަށް ހޫރައިން އެންމެ ބިރުން އުޅުނު ދުވަސް ވެސް
އައިސް ކުރިމަތިވި އެވެ. ބައްޕަގެ ކަންފަތަށް އެ ހަބަރު ފޯރީ އެވެ. އަމްރު ގެއަށް
ވަދެ ފުރަތަމަ ވެސް އެހީ ނަބީލާ ކުރެންނެވެ. އެ ދައްކާ ވާހަކަތައް ނަބީލާއަށް ވެސް
އެނގޭތޯ އެހުމުން ނަބީލާއަށް ދޮގެއް ނުހެދުނެވެ. އެ ރަށު މީހަކު އެތާ
އަވަށްޓެރިއަކަށް އުޅެ އެވެ. ނަބީލާގެ ކަންފަތަށް ހަބަރު ގެނެސްދިން މީހަކީ އެއީ
އެވެ.
ނަބީލާގެ ޖަވާބު އަހާފައި އަމްރުގެ މޫނުމަތި ބަނަވި އެވެ. ފާޑަކަށް ހުރެލާފައި
ދެން ދާން ފެށީ ހޫރައިންގެ ކޮޓަރިއާ ދިމާއަށެވެ. ދޮރު ހުޅުވިއިރު ހޫރައިން
ކޮޓަރިއަކު ނެތެވެ. އަމްރު އައިސްފައި ހުރި ރުޅީގައި އެތެރެއަށް ވަދެ ހޫރައިން
ގެންގުޅޭ ހުރިހާ އެއްޗެއް އެފުށްމިފުށަށް ޖަހައިގެން އެކަމުގެ ހެއްކެއް ފެނޭތޯ
ބެލި ކަހަލަ އެވެ. އެތަނުން ނިކުތްއިރު ހުރީ މާނޭވާލެވިފަ އެވެ. ހޫރައިން އާއި
ސާއިމް އެކީގައި އައިސް ގެއަށް ވަނީ އެ ގަޑީގަ އެވެ.
ހޫރައިން ހުރީ ކޮނޑުގައި ދަބަސް އަޅުވައިގެންނެވެ. ސާއިމް ހުރީ އޮފީސް
ހެދުމުގަ އެވެ. އަމްރު ފެނުމާ އެކު ކަމެއް ގޯސްވެއްޖެކަން ދެ މީހުންނަށް ވެސް
ވަގުތުން އެނގިއްޖެ އެވެ.
"ހޫރައިން، އަހަރެން އަތުން ފައިން ގޯހެއް ނުހެދެނީސް ކުރިމަތިން ދުރަށް
ދޭ! ނަބީލާ، އެ ކޮޓަރިން އޭނަ ނިކުމެއްޖެއްޔާ އަހަރެން ކައިރީ ބުނޭ. ދެފައި
ބިންދާލާނަން. މިއަދުން ފެށިގެން ކޮލެޖަށް ދިއުން ނިމުނީ. ތިޔަ ހުރީ ކިޔެވޭނެ ވަރަކަށް
ކިޔެވިފަ،" އަމްރުގެ އަނދައަނދާހުރި ދެލޯ އަމާޒުކޮށްލުމާ އެކު ހޫރައިން
ބިރުން ތުރުތުރުލައިގަތެވެ.
ބައްޕަގެ ޖުމްލަތައް ނުވެސް ނިމެނީސް އޭނަ ދުއްވައިގެންފައި ގޮސް ކޮޓަރިއަށް
ވަދެ އެތެރެއިން ދޮރު ތަޅުލައިފި އެވެ. ދަބަސް ތިރިއަށް ދޫކޮށްލައިފައި ދުވެފައި
ގޮސް އެނދަށް ވެއްޓިގަނެފައި ބާލީހުގައި މޫނު ޖައްސާ ބާރުކޮށްލެވުނެވެ. ހިތް
ތެޅޭލެއް ބާރުކަމުން ހީވަނީ މޭ ފަޅާފައި ނިކުމެދާނެ ހެންނެވެ. މުޅި މީހާ ބިރުން
ދާހިލިއްޖެ އެވެ. ދެލޯ ފުރިގެން ކަރުނަ އަތުވެއްޖެ އެވެ. އެހާ ފޮނިފޮނި
އިހްސާސެއްގެ ނަތީޖާ މިހާ ހިތިވެދާނެ ކަމަކަށް އޭނަ އުންމީދެއް ނުކުރެ އެވެ. އޭނަ
އެކަނި މި އޮތް ބޮޑު ދުނިޔެއާ ކުރިމަތިލާން ދޫކޮށްލާފައި ހަމްރާއު ވަން ތަނެއް ވެސް
ނޭނގެ އެވެ.
***
"ހޫރައިން! ދޮރު ހުޅުވަބަލަ، ހޫރައިން!" ކޮޓަރި ދޮރުމަތީ ހުރެގެން
ސާއިމް ގޮވި އެވެ.
ހޫރައިން އިނީ އެނދުމަތީގަ އެވެ. އޭނައަށް ސާއިމް ގޮވާ އަޑު އިވުނެވެ.
އެކަމަކު ތެދުވެގެން ދާ ހިޔާލެއް ނެތެވެ. އޭނަ އަޅާ ވެސް ނުލާ ދޮރާ ދިމާއަށް
ބަލަން އިނދެ އިނދެފައި އަނެއްކާވެސް އޮށޯތެވެ. އެއާއެކު ޓަކި ޖެހުންވެ ސް
ހުއްޓިއްޖެ އެވެ. ދެން ފެނުނީ މެސެޖެއް އައިސްގެން އޭނަގެ ފޯނު ދިއްލުނު ތަނެވެ.
ނުބަލަން އިނދެފައި ވެސް ހޫރައިން އެންމެފަހުން މެސެޖު ހުޅުވާލި އެވެ.
"ހަމްރާއު އިޒް ހިއާ،" ސާއިމްގެ މެސެޖުގައި އޮތެވެ.
ވަގުތުން ހޫރައިންއަށް ފުންމައިގެން ތެދުވެވިއްޖެ އެވެ. ސާއިމް ސަމާސާއަކަށް
އެފަދަ އެއްޗެއް ނުލިޔާނެ އެވެ. އޭނައަށް ސާއިމް އެނގެ އެވެ. ހޫރައިން ދުވެފައި
ގޮސް ދޮރު ކައިރިއަށް ހުއްޓުނުއިރު ހިތް ހީވަނީ މޭ ފަޅާފައި ނިކުންނަން އުޅޭހެންނެވެ.
އެނބުރި ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި ބުރުގާ ރީތިކޮށްލާފައި އަނެއްކާ ގޮސް
މަޑުމަޑުން ދޮރު ހުޅުވާލި އެވެ. ސާއިމް ކުރިމަތީ ހުއްޓެވެ.
"ވެއްޖެ ބައްޕަ ކޮޓަރީގަ،" ސާއިމް އިސްވެ އޮޅުންފިލުވައިދިނެވެ.
"ކީކޭ ކިޔާފަ ވަނީ؟ ކީއްކުރަން އެ އައީ؟" ހޫރައިން ނުތަނަވަސްވެފައި
އެހި އެވެ.
"ނޭނގެ. އާދެބަލަ ބޭރަށް،" ސާއިމް އަތުން އިޝާރާތްކޮށްލާފައި ދާން
ފެށި އެވެ. ފަހަތުން ހޫރައިން ވެސް ނައްޓާލި އެވެ.
ދެ ޒުވާނުން ގޮސް މަޑުކުރީ އަމްރުގެ ކޮޓަރި ދޮރު ފެންނަ ހިސާބުގައި ބަދިގޭގަ
އެވެ. ސާއިމް ހޫރައިންއަށް ފެން ތައްޓެއް އަޅާފައި ކައިރީ ބެހެއްޓި އެވެ. ހޫރައިން
އެޔަކު އަތެއް ނުލި އެވެ. އޭނަގެ މޭގަނޑު އަނގައަށް އައިސްދާނެ ކަހަލަ އެވެ.
ނަބީލާ ވެސް ވީ އެތެރޭގަ އެވެ. ސާއިމް ކުރެން އެހުމުން އެނގުނީ ހަމްރާއު އައި ފަހުން
މިހާރު އިރުކޮޅެއް ވެއްޖެ ކަމެވެ.
ދެ މީހުން އިންތިޒާރުގައި ތިއްބާ އެ ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ.
ހޫރައިންއަށް ގޮނޑިން ތެދުވެވުނެވެ. ބޭރަށް ފުރަތަމަ ނިކުތީ ހަމްރާއު އެވެ.
ހޫރައިންގެ މޭގަނޑު ފިނިވެގެން އަ އެވެ. ބޭރު ދޮރާ ދިމާއަށް ދާން އުޅެނިކޮށް
ހަމްރާއުއަށް ވެސް ހޫރައިން ފެނިއްޖެ އެވެ. ވަގުތުން އޭނަ ހުއްޓެވެ. އިރުކޮޅަކު
ހޫރައިންއަށް ބަލަން ހުރެފައި ހިންދިރުވައިލި އެވެ. އެތައް ދުވަހެއް ފަހުން
ފެނުމުން ހިތް ފުރެންދެން ބަލައިލި ކަހަލަ އެވެ. ވަކި އެއްޗެއް ނުބުނެ ދެން
އަނެއްކާވެސް ފެނުނީ ހިނގައިގެންފައި ބޭރު ދޮރާ ދިމާއަށް ދާން ފެށިތަނެވެ.
ހޫރައިންގެ ދެފަޔަށް އޭގެ އަމިއްލަ އިހުތިޔާރުގައި ހިނގައިގަނެވިއްޖެ އެވެ.
"ހަމްރާއު!" ތަންކޮޅަކަށް ދެވުނު ފަހުން އޭނަގެ އަނގައިން ނިކުތެވެ.
ހަމްރާއު ވަގުތުން ހުއްޓުނެވެ. އޭރު ހުރީ ދޮރާ ހަމައިގަ އެވެ.
"އަހަރެން އުންމީދުކުރަން ހޫރައިން އަހަރެން އެދޭ ގޮތަށް ކަންތައް ކުރާނެ
ކަމަށް،" ހަމްރާއު ބުނެލި އެވެ.
ދެން ދޮރު ހުޅުވާލައިފައި ނިކުމެ ލޯމަތިން ގެއްލިއްޖެ އެވެ. ހޫރައިންއަށް
އެ ހުރި ގޮތަށް ބަލަން ހުރެވުނީ އެވެ. ހަމްރާއު އެ ބުނި އެއްޗަކުން އެއްފަހަރާ އެތައް
ސުވާލެއް ސިކުނޑީގައި އެނބުރެން ފަށައިފި އެވެ. ނަބީލާ އާއި ބައްޕަ ވާހަކަ ދައްކަމުން
ނިކުތް އަޑަށް ދެން އެނބުރި ބަލައިލެވުނީ އެ މީހުންނަށެވެ. ބައްޕަ ރުޅިއައިސްފައި
ހުރެދާނެތީ އެ މޫނަށް ބަލައިލާކަށް ނުކެރުނެވެ.
"ހޫރައިން އާދެބަލަ!" އަމްރު އެދުނެވެ.
ގުޑިލަން ނުކެރިފައި ހޫރައިން ހުއްޓާ ދެވަނަ ފަހަރަށް ގޮވާލީ ނަބީލާ އެވެ.
ހޫރައިން އިސްއުފުލައިލިއިރު ދައްތަ އާއި ބައްޕަ ތިބީ ސޯފާތަކުގައި އިށީނދެ އެވެ.
ހޫރައިން ގޮސް ޖެހިގެން ހުރި ސޯފާގައި ކިރިޔާ ކުޑަ ތަންކޮޅެއްގައި ފޫޖައްސާލައިގެން
އިށީނެވެ. ސާއިމް ވެސް ދުރުގައި ހުރެފައި އައިސް އެތަނާ ކައިރިއަށް ހުއްޓުނެވެ.
"ބައްޕަ ނިންމައިފިން ހަމްރާއު އާއި ހޫރައިންގެ ކައިވެނިކޮށްދޭން،"
އަމްރު ބުނެލި އެވެ.
ހޫރައިންއަށް ސިހިފައި ބައްޕަގެ މޫނަށް ބަލައިލެވުނެވެ. އެ އިވުނު އަޑާ މެދު
އޭނަގެ އަމިއްލަ ކަންފަތަށް ވެސް އިތުބާރެއް ނުކުރެވުނެވެ. ބައްޕަގެ މޫނަށް ބަލަން
އިނދެވުނީ އަދި އެއް ފަހަރު ތަކުރާރުކޮށްބަލާށޭ ބުނަން ބޭނުންވެ އެކަމަކު ނުކެރިފަ
އެވެ.
"ހަމްރާއު އާއި ހޫރައިންގެ ކައިވެނި؟ ރަނގަޅަށްތަ މި އިވުނީ؟"
ހޫރައިން ކުރަން ބޭނުންވި ސުވާލު ކުރީ ސާއިމް އެވެ.
ނަބީލާ އެ ވަގުތު ސާއިމްގެ މޫނަށް ބަލައިލި އެވެ.
"ރަނގަޅު. ހޫރައިންގެ ދެބަސްވުމެއް ނެތިއްޔާ ކައިވެނިކޮށްދޭ ގޮތަށް
ނިންމައިފިން،" އަމްރު އިތުރަށް ޔަގީންކޮށްދިނެވެ.
ހަމްރާއު ނިކުމެގެން ދިޔައީ ކޮންފަދަ ޖާދޫއެއް ހަދާފައި ހެއްޔެވެ؟ ވަގުތުން
ކައިވެންޏާ ހަމައަށް ބައްޕަ ހިތުން ރުހުމުން ދިއުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟
ހޫރައިން އިނީ ސުވާލު އުފެދިފަ އެވެ. އެއިރު އެތެރެ އެތެރެއިން އޭނަގެ ހިތް ފުމެ
ނަގަނީ އެވެ. ނުތަނަވަސްކަމާއި އުފާވެރިކަން އައިސް އޭނަ ވަށާލައިފި އެވެ. އެތައް
ދުވަހެއްގެ އިންތިޒާރުގެ ފޮނި މޭވާ ލިބެނީ ހެއްޔެވެ؟ ނޫނީ މިއީ އޭނައަށް ފެންނަ
ހުވަފެނެއް ހެއްޔެވެ؟
(ނުނިމޭ)
ވާހަކަ: މިތުރާ މަގޭ - ސަތާރަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ