ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު މެންދުރުގެ ކެއުމެއްގައި ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވެއެވެ. ފައްޔާޒް ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ވެސް ފާޅުކުރައްވާފައިވާއިރު، ފައްޔާޒް ވެސް މީގެ ކުރިން ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.
އެ ފަދަ ބައްދަލުވުމެއް ބޭއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސްވެރިންނަށް ނަޝީދު މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް އެ މަނިކުފާނުގެ މެސެޖުގައިވެއެވެ.
އެނގިފައިވާ ގޮތުގައި ނަޝީދު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. އަދި ރޭގައި ވެސް ފައްޔާޒް ނަޝީދާއި ބައްދަލުކުރައްވާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނަޝީދާއި ފައްޔާޒު ކެއުމެއްގައި ބައިވެރިވެވަޑައިގެން ސިޔާސީ މަސްރަހާ ބެހޭގޮތުން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ