ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ފެށިގެންދާނެ - މިނިސްޓަރ

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރިވެންޓިވް ހެލްތު ކެއާ ނިޒާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަހަރު ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބަލިޖެހުމުގެ ކުރިން އަޅާލުމުގެ ނިޒާމް މުޅި ރާއްޖޭގައި ފެށުމަށްޓަކައި މިދިޔަ އަހަރު ފަސް އަތޮޅެއްގައި ކަމާ ގުޅޭ ތަމްރީނުތައް ހިންގާފައިވާ ކަމަށެވެ.
" (އަމާޒަކީ) މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޕްރޮގުރާމް އިފްތިތާޙުކުރެވި، މި ޕްރޮގުރާމްގެ ތެރެއިން ދިވެހި ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމަކުން ގުޅޭލެވޭ ވިއުގައަކުން ދިވެހި ރައްޔިތުންގެ ޞިއްޙީ ހާލަތު ބެލެހެއްޓި އޭގެ ސަބަބުން ބަލިތަކުން ދުރުހެލިވެ ތިބުމަށްޓަކައި އެއަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި ބަލިވުމުގެ ކުރިން އެ ލިބެންޖެހޭ ފަރުވާތައް ލިބިގެންދިއުން،"މިނިސްޓަރު ވިދާޅުވި އެވެ.
ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުން ދައުލަތަށް އިތުރަށް ލިބޭ ފައިސާ ބޭނުންކުރާނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަން ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފަރުވާ ދިނުމަށް ކުރަން ޖެހޭ ޚަރަދުތަކަށް ހޭދަކުރުމަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އެކަމުން ދުރުވުމަށް ބޭނުންވާ ފަރުވާ ރާއްޖޭގެ ހުރިހާ ހެލްތު ފެސިލިޓީތަކަކުން މިހާރު ލިބިގެންދާއިރު އެފަދަ ފަރާތްތަކަށް އެހީވުމަށް 24 ގަޑިއިރު ހިދުމަތްލިބޭ "ހެލްޕް ލައިން"އެއް ޤާއިމުކޮށްފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަދި އެހެންމެ މީހަކަށް ހިލޭ މެޑިކަލްޗެކަޕްއެއް ހެދޭނެ ގޮތް ހަމަޖައްސަވާފައިވާއިރު، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދަން ޖެހޭ ޓެސްޓުތައް ކުރިއާލައި ހެދުމަކީ، އެބައްޔަށް ފަރުވާ ހޯދަން ފަސޭހަވެގެންދާނެ ކަމެއްކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ޓެސްޓްތަކަށް ޚަރަދުކުރެވޭނީ ޕްރިވެންޓިވް ކެއާގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމަވާފައިވާނީ ދުންފަތުގެ އިސްތިޢުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ