ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ގެންގުޅޭ ޕްލޭނާ ދެކޮޅަށް ތެދުވުމަށް ހަމާސްއިން އަރަބި ސަމިޓަކަށް ގޮވާލައިފިއެވެ.
ހަމާސްއިން އަރަބި ހުރިހާ ގައުމުތަކަށް ގޮވާލީ، ކުރިއަށް އޮތް އަރަބި ސަމިޓާއި އޯއައިސީގެ މިނިސްޓީރިއަލް ބައްދަލުވުން އެކަމަށް ޚާއްޞަ ކުރުމަށެވެ.
ހަމާސްގެ ސްޕޯކްސްޕާސަން ހަޒެމް ގާސެމް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕްގެ މި ހުށަހެޅުމާ ދެކޮޅަށް މިސްރު، ޖޯޑަން، ސައޫދީ އަރާބިޔާ އަދި އެހެން ގައުމުތަކުން ނަގާފައިވާ ސްޓޭންޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ފެބްރުއަރީ 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ސަމިޓާއި އޯއައިސީގެ މިނިސްޓީރިއަލް ބައްދަލުވުމުގައި މި ޕްލޭނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އެ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށް އަރަބި-އިސްލާމީ އެކުވެރި ސްޓްރެޓެޖީއެއް އެކުލަވާލުމަށް ގޮވާލާފައިވެއެވެ.
ގާސެމް ބުނެފައިވަނީ ޓްރަމްޕްގެ މި ހުށަހެޅުމަކީ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ވެރިކަމާއެކު އޭނާ އެއްސަފެއްގައި ހުރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
މި ހުށަހެޅުމާ ދެކޮޅަށް ފަލަސްތީނުންނާއި، އަރަބި ގައުމުތަކުގެ އިތުރުން ކެނެޑާ، ފްރާންސް، ޖަރުމަނު އަދި ޔޫކޭ ފަދަ ގިނަ ގައުމުތަކުން ވަނީ އިންކާރުކޮށްފައެވެ. މިސްރުން ވަނީ ޣައްޒާގެ އާބާދީ ބަދަލުނުކޮށް އަލުން ބިނާކުރުމުގެ ޕްލޭނެއް ހުށަހަޅާނެކަމަށް އިއުލާނުކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި، މިހާތަނަށް 48,200 އަށްވުރެ ގިނަ މީހުން ޣައްޒާއިން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 2 މިލިއަން މީހުން ގެދޮރުން ނެރެ، ކާބޯތަކެއްޗާއި، ފެނާއި، ބޭސްފަރުވާގެ ޚިދުމަތްތައް ހޯދުމަށް ދަތިކުރުވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޣައްޒާގެ ރައްޔިތުން ބަދަލުކުރުމުގެ ޕްލޭނާ ދެކޮޅަށް ތެދުވުމަށް ހަމާސްއިން އަރަބި ސަމިޓަކަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ