ލިވަޕޫލުން މާލެ ސިޓީގެ ފުޓުބޯޅަ ދަނޑުތަކުގެ ހާލަތު ބަލައިފި

ރާއްޖޭގައި ލިވަޕޫލް އެފްސީ އެކަޑަމީއެއް ގާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ އެ ކުލަބުގެ ވަފުދުން މާލޭސިޓީގެ ފުޓްބޯޅަ ދަނޑުތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައިފިއެވެ. މި ޒިޔާރަތުގައި ލިވަޕޫލުން ބައިވެރިވީ މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އެ ކުލަބުގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސާ އެވެ. މީގެއިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު ވަނީ މި ވަފުދާއެކު މާލޭސިޓީގެ ފުޓްބޯޅަ ދަނޑުތަކަށް ޒިޔާރަތްކުރައްވާފައެވެ. ލިވަޕޫލަކީ ރާއްޖޭގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެވެ. މި ޕާޓްނަޝިޕުގެ ތެރެއިން ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމަށް އެ ކުލަބުން ވަނީ ރާވާފައެވެ. އެގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތްތަކާއި ލިވަޕޫލްގެ އެކަޑަމީއެއް ހުޅުވުމަށް ވެސް މަޝްވަރާކުރެވުނު އިރު، މިއީ އެ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. ލިވަޕޫލްގެ މި އެކަޑަމީއާއެކު އަމާޒަކީ ދިވެހި ހުނަރުވެރިކަން ކުރިއަރުވައި ބައިނަލްއަގްވާމީ ފުރުސަތުތަކަށް މަގު ތަނަވަސްކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ރާއްޖެ އާއި ލިވަޕޫލް އެފްސީ އާއި ދެމެދު ވެފައިވާ ހަ މަސްދުވަހުގެ ތާރީހީ އެއްބަސްވުމާއެކު ރާއްޖެ ލިވަޕޫލްގެ ކުޅުންތެރިންނާ އޮފިޝަލުން ހިމެނޭހެން އެ ކުލަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ކެމްޕޭން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތެއްގައި 3 އޭފްރީލް 2025 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ