ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް އޭސީސީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އަމުރުކުރައްވައިފި

ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށް އޭސީސީގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު އަމުރުކުރައްވައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، މިކަން ޕްރޮސިކިއުޓަރ ޖެނެރަލް ބެއްލެވިއިރު، ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ހިމެނޭގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޖިނާއީ ތަޙުޤީޤުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި ޢާންމު ރައްޔިތުންގެ މަސްލަޙަތުތަކަށް އުނިކަން އަންނަމުންދާކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 
މި ސަބަބަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް 26 ޖަނަވަރީ 2025 ވީ  އާދީއްތަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަމުރު ކުރައްވާފައެވެ. 
ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު، ޚާއްޞަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވެއެވެ.
މިއިރުޝާދުގެ ބޭނުމަކީ، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމުގެ އިތުރުން، ތަހުގީގުތަކުގެ މަރުހަލާތައް ކުރިއަށްގެންދާނެ ސިސްޓަމިކް ގޮތްތަކެއް ކަނޑައެޅުމާއި، ޖިނާއީ މައްސަލަތައް ބަލާ އެކިއެކި އިދާރާތަކުން ހިންގާ ތަހުގީގުތަކުގެ ޔުނީފޯމިޓީ ކަށަވަރުކުރުމާއި، ތަހުގީގުގެ ކުރީ މަރުހަލާއިން ފެށިގެން އެ އޮފީހުގެ ލަފާ ހޯދަން އިތުރަށް ފަސޭހަކޮށް، އެކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ