އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން އާދީއްތަ ދުވަހު ކަރަންޓު ކެނޑެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޖަވާބު ނުދީ ސްޓެލްކޯގެ އިސްވެރިން ހަނު ތިބެއްޖެ އެވެ.
ކަރަންޓު ކެނޑުނު މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އާދީއްތަ ދުވަހުގެ ހަވީރު ސްޓެލްކޯއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް ކަރަންޓު ކެނޑުނު އަސްލު ސަބަބު ސާފުކޮށްދިނުމަށާއި އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދިނުމަށް އެދި އެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދިނުމަށް ސްޓެލްކޯއިން ދެކޮޅު ހެދި އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު އެއްކޮށް ރީސްޓޯ ކުރެވުމުން އަލުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ނޫސްވެރިންގެ އެ ސުވާލުތަކަށް ޖަވާބު ދޭނެ ކަމަށެވެ.
ނަމަވެސް ކަރަންޓު ކެނޑުނު އަސްލު ސަބަބާ ގުޅިގެން އޭގެފަހުން ހިނގައި މިދިޔަ މުއްދަތުގައި ސްޓެލްކޯއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ބަހެއް ހޯދުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން ފަހުމީއަށް އިއްޔެ އާއި މިއަދު ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވި އެވެ. ޓެކްސްޓު މެސެޖު ކުރަން އެދުމުން، މެސެޖު ކުރި ސުވާލުތަކަށް ވެސް ފަހުމީ ޖަވާބެއް ނުދެއްވި އެވެ.
އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އާދީއްތަ ދުވަހުގެ މެންދުރު 12:30 ހާއިރު އެވެ. އެންމެ ފުރަތަމަ ކަރަންޓު ދިނީ ހޮސްޕިޓަލްތަކަށެވެ. އޭރު ގަޑިން ގާތްގަނޑަކަށް 2:05 ވެއްޖެ އެވެ. އޭގެފަހުން 2:30 ހާއިރު އެއާޕޯޓަށް ކަރަންޓު ދިނެވެ.
އެއަށް ފަހު މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުންދާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ. އެގޮތުން 16:30 ހާއިރު މާލެ ސިޓީގެ 60 ޕަސެންޓަށާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ.
މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭވަރު ސްޓެލްކޯއަށްވީ އެ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓު ހިމެނޭހެން ކަރަންޓު ގޮސް މިހާގިނަ ވަގުތު ހޭދަވި ފުރަތަމަ ފަހަރެވެ.
ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ވެސް ފަށައިފަ އެވެ. ނަމަވެސް، ތަހުގީގުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.
އަދަދު އަށް އެނގިފައި ވާގޮތުގައި ކަރަންޓު ކެނޑުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިތުރުން ސިފައިން ވެސް އެ ދުވަހު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތުގައި ހަރަކާތްތެެރިވި އެވެ. ނަމަވެސް ސިފައިން އެތަނުގައި އެ ދުވަހު ހަރަކާތްތެެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ސްޓެލްކޯއަށް އަދިވެސް ބުނެ ނުދެވޭ! މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ސްޓެލްކޯއަށް އަދިވެސް ބުނެ ނުދެވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ