”ތިލަފަތުގެ ރަމްޒު“ އަކީ މުޅި އެމްޑީޕީ، ވަކި މީހެއްގެ ތަރިކައެއް ނޫން: އަހުމަދު އަބްދުﷲ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަނަކަށް އައުމަށް ”ތިލަފަތުގެ ރަމްޒު“ ބޭނުންކޮށްގެން ކެމްޕެއިންތައް ކުރެއްވި ނަމަވެސް ތިލަފަތުގެ ރަމްޒަކީ މުޅި އެމްޑީޕީކަމަށާއި އެއީ ވަކި މީހެއްގެ މުދަލެއް ނޫންކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މޭއި 14 ބައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެންމެ ބޮޑަށް ބަހުސް ކުރުމުގައި ބޭނުންކޮށް އޮޅެނީ ޕާޓީ އިސްލާހު ކުރާ ވާހަކައާއި ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް ޕާޓީގެ އެތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުތަކެވެ. އަދި އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، ޕާޓީ ދަނީ މުޅިން އެހެން މަގަކުންކަމަށް ބުނެ ބަސްތައް ދަނީ ބަދަލު ކުރަމުންނެވެ.
އެމްޑީޕީގެ އިންތިހާބުގައި ޗެއާޕާސަނަކަށް ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އަދި އިންތިހާބުގައި ފައްޔާޒް ”އެމްޑީޕީ ހިންގާލަން“ ޝިއާރު ބޭނުން ކުރައްވާއިރު އިންތިގެ ކެމްޕެއިންގައި ބޭނުން ކުރަނީ ”ތިލަފަތުގެ ރަމްޒު“ އެވެ. އެމްޑީޕީގެ ލޯގޯގައި ވެސް ހިމެނޭ ތިލަފަތުން ދައްކުވައިދެނީ ހަމަހަމަކަމާއި އިންސާފެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އަހުމަދު އަބްދުﷲ ވިދާޅުވީ، ޗެއާޕާސަނަކަށް ފައްޔާޒް ގެނައުމަށް މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރަނީ އަމިއްލަ މަންފާއަށްކަމަށް ބުނެ ކުރާ ތުހުމަތުތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
އެތެރޭގެ އިންތިހާބާއި ގުޅުވައި ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރު ކުރުމަށް މަސައްކަތް ކުރާކަމުގެ އަޑުތަކަށް އަހުމަދު ވިދާޅުވީ އެއީ ކެމްޕެއިނުގައި ތާއީދު ހޯދުމަށް ބައެއް ބޭފުޅުން ގެންގުޅުއްވާ އުކުޅެއް ކަމަށެވެ. ރައީސް ނަޝީދު އަމިއްލަފުޅަށް ވެސް އެ ތުހުމަތު ކުރެއްވިކަން ފާހަގަ ކުރުމުން އަހުމަދު ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުން އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އެމްޑީޕީއަކީ ގިނަ ދުވަސްވީ ޑިމޮކްރަޓިކް ޕާޓީއަކަށް ވާއިރު ބަޔަކު ނުރުހުނަސް އެ މީހަކު ތައީދު ކުރަން ބޭނުން މީހަކާއި އެކު މަސައްކަތް ކުރުމުގެ ޖާގަ އޮންނާނެކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި މެމްބަރުން ގިނަވާ މިންވަރަކުން ހިޔާލުތައް ވެސް ތަފާތުވާނެކަމަށާއި، އަބަދު އެކެއްގެ އަތުގައި ބާރާއި ތައީދު އޮވެދާނެކަމަށް ދެކިގެން ނުވާނެކަމަށް އަހުމަދު ވިދާޅުވި އެވެ.
ވާދަވެރިކަމުގެ ތެރެއިން އެކަކު އަނެކަކަށް މައާފު ވެސް ނުކުރެވޭނެ ފަދަ ބަސްތައް ބޭނުން ކުރަމުންދާކަމާއި އެހެން ގައުމުން އިންތިހަބު ނިންމައި ވެސް އެއް ގަލަކަށް އަރާނެ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ ކެމްޕެއިން ކުރުމުގެ ތެރޭގައި ވާދަވެރި ޓީމަށް ބަދު ބަހެއް ނުބުނެ ކުރިޔަށް ދިއުމަކީ ފައްޔާޒްގެ އެންމެ ބޮޑު އެދިލެއްވުން ކަމަށެވެ. އަދި އަނެއް ކެނޑިޑޭޓަށް އަމާޒުކޮށް ދެން ގާތް ނުވެވޭ މިންވަރުގެ ބަހުގެ ހަމަލާތައް ނުދިނުމަށް ފައްޔާޒް އަންގަވާފައި އޮތުމަކީ އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ހިންގާލަން ޓީމުން ކުރަމުން ދަނީ ރިވެތި ކެމްޕެއިނެއްގެ ގޮތުގައި އަހުމަދު ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީގެ އިންތިހާބާއި ދިމާކޮށް ސަރުކާރުން ނުފޫޒުތަކެއް ފޯރުވަނީކަމަށް، ނުވަތަ ވަޒީފާތަކުގެ ކުރިއެރުންތަކަށް ހުރަސް އަޅާކަމަށް ބުނެ ތުހުމަތުތައް ކުރެވެމުން ދާތީ އޭގެ ރައްދުގައި އަހުމަދު ވިދާޅުވީ ސަރުކާރު ހިއްސާވާ އެތައް ކުންފުންޏަކާއި، މިވަގުތު ވެސް ފައްޔާޒާއި އެކު މަސައްކަތް ކުރަމުން ގެންދާ ވަޒީރުންގެ ވުޒާރާތަކުގެ މުވައްޒަފުން ވެސް ވާދަވެރި ޓީމާއި އެކު ކެމްޕެއިނުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ. ނަމަވެސް އޭގެއިން އެއްވެސް މުވައްޒަފެއްގެ ވަޒީފާއަށް އެއްވެސް އަސަރެއް ކުރިތޯ އަހުމަދު ސުވާލު އުފެއްދެވި އެވެ.
ޗެއާޕާސަންގެ ކެމްޕެއިނުގައި އިންތި ބޭނުން ކުރާ ”ތިލަފަތުގެ ރަމްޒު“ ކެމްޕެއިން ޝިއާރަށް ފާޑުވިދާޅުވެ އަހުމަދު ވިދާޅުވީ ތިލަފަތުން ރަމްޒަރު ކުރަނީ މުޅި އެމްޑީޕީކަމަށެވެ. އެހެންކަމުން ތިލަފަތަކީ ވަކި މީހެއްގެ ގޮތުގައި ދައްކާނީ ކިހިނެއްތޯ އޭނާ ވިދާޅުވި އެވެ.
”ދެން ތިލަފަތުގެ ރަމްޒަކީ އެމްޑީޕީ ނޫންތޯ..؟ އެމްޑީޕީގައި ނޫންތޯ 94،000 މީހުން މިތިބީ… އެމްޑީޕީގައި ނޫންތޯ ދެ ކެނޑިޑޭޓުން ވެސް ތިބީ.. އެމްޑީޕީގައި ނޫންތޯ އަޅުގަނޑުމެން އެންމެން ވެސް މި މަސައްކަތް ކުރަނީ.. ކިހިނެއްތޯ އެއީ ވަކި މީހެއްގެ އެއްޗަކަށް ވަނީ… އަޅުގަނޑެއް ގަބޫލެއް ނުކުރަމޭ… ތިލަފަތް… ތިލަފަތް ރަމްޒުކޮށް ދެނީ އެމްޑީޕީ… އެހެންވީމާ އެއީ އެއްވެސް ބޭފުޅެއްގެ ތަރިކައެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫން“ އަހުމަދު
މި ކެމްޕެއިން ޝިއާރު ބޭނުން ކުރިއަސް، ތިލަފަތުގެ ރަމްޒަކީ އެމްޑީޕީކަމަށާއި އެއީ ވަކި މީހެއް ނުވަތަ ވަކި ބައެއް ނޫންކަމަށް އަހުމަދު ތަކުރާރުކޮށް ވިދާޅުވި އެވެ.
ޕާޓީގެ ރައްޔިތުން ބޭނުންވާ ގޮތަށް ހިންގެން އޮތީ ފައްޔާޒާއި އެކުކަމަށާއި 2023 ގައި ރިޔާސީ އިންތިހާބު ފައްޔާޒާއި އެކު މަސައްކަތްކޮށްގެން ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު އައްޑޫއަށް ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ރަށްތަކަށް ވަޑައިގެން މަޝްރޫއުތައް ކުރިޔަށް ދާ ގޮތް ބައްލަވާލެއްވުމާއި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވިއިރު މަރަދޫގެ ބަންދަރު ހުޅުވުމަށް ބޭއްވި ރަސްމުއްޔާތުގައި ދާއިރާގެ މެމްބަރު ޝަރީފް ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅުވައި ވާހަކަ ދައްކަވާފަ އެވެ. އޭނާވެސް ވިދާޅުވީ ”ތިލަފަތުގެ ރަމްޒު“ ގެ ނަމުގައި ނިކުމެ ބަޔަކު ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މި އިންތިހާބުގައި ފައްޔާޒް ވަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އެވެ. އަދި އިންތި ވާދަ ކުރައްވަނީ ރައީސް ނަޝީދުގެ ތާއީދާއި އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ