ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓަރމިނަލް، ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލަށް ބަދަލުވެގެން ދިޔުމަކީ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންސް، ޓަރމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން ރޭ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވި، މިވީ ކުރު މުއްދަތުގެ ތެރޭގައި، ޑޮމެސްޓިކް ޚިދުމަތްތައްވެސް ބޮޑު އަދި ޒަމާނީ ޓަރމިނަލަކަށް ބަދަލުވެގެން ދިއުމަކީ އެއަރޕޯޓުން ދެމުންގެންދާ ޚިދުމަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ގެނެވުނު ބަދަލާއެކުގައި ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ހެޔޮ އަދި ފައިދާހުރި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އަދި ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި އޮތް ޑޮމެސްޓިކް ޓަރމިނަލަކީ ގިނަ ދިވެހި ރައްޔިތުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ މައި ދޮރާއްޓަށްވާއިރު މި ޓަރމިނަލް އިތުރަށް ތަރައްގީކުރުމަށް މީގެކުރިން މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް އެ ޓަރމިނަލަކީ ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އިގްތިސާ ދީގޮތުން އެ ޓަރމިނަލުން ދިވެހިރައްޔިތުންނަށް ލިބެންޖެހޭ ނަފާ، ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 2 އިފުތިތާހު ކުރެވިގެން މިދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ފެށުމާއެކު، މި ތަކުލީފުތަކަށް އަވަސް އަދި ފުރިހަމަ ހައްލެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މި މަސައްކަތްޕުޅުގެ ތެރެއިން، މިއަދު، ޑޮމެސްޓިކް އާ ޓަރމިނަލް ނިމި، ހުޅުވިފައި މިވަނީ، ކުރިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އެހާމެ ހިތްފަސޭހަ އަދި އިތުރު ޚިދުމަތްތަކާއެކުގައިކަން ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއީ ރައީސް މުޢިއްޒު އިޤްތިޞާދީ ގޮތުން ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ހިކުމަތްތެރި ސިޔާސަތުތަކާއި، ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ފެންނަމުންދާ ހެޔޮބަދަލުތަކެއްކަން ވެސް ފާހަގަކުރައްވާފަ އެވެ.
ޓާމިނަލް 2 އާއެކު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ