އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި، އަނބުރާ ދެވުނީ ދެ ގަޑިއިރު ވާން އުޅެނިކޮށް
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި، ދެ ގަޑިއިރު ވާން އުޅެނިކޮށް އަލުން މިއަދު އެ ރަށްތަކަށް ކަރަންޓު ދީފިއެވެ. ބޮޑު އާބާދީއެއް ދިރިއުޅޭ އައްޑުއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އައްޑޫ ސިޓީގެ ހިތަދޫ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި 11:37ގައި ބުނީ، އިންޖީނަކަށް މައްސަލައެއް ދިމާވެ، ޕަވާ ހައުސް ޑައުންވެގެން ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރާ ކަމަށް އޭރު ފެނަކައިން ބުނެފައިވެއެވެ. އޭގެފަހުން، 12:16ގައި ފެނަކައިން ބުނީ، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ ޕަވާ ހައުސް ލައިވް ކުރެވިފައިވާ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އަނބުރާ ކަރަންޓު ދިނުމަށް ކަމަށެވެ. އައްޑޫ ފޭދޫ މަގުމަތި: އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި، އަނބުރާ ދެވުނީ ދެ ގަޑިއިރު ވާން އުޅެނިކޮށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ މައްސަލަ ހައްލުކޮށް، އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެވުނުކަން އެ ގުރޫޕުގައި ރިޕޯޓުކޮށްފައި ވަނީ، 13:29ގައެވެ. އެއީ، ކަރަންޓު ކެނޑުނު ފަހުން ދެ ގަޑިއިރު ވާން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. ފެނަކައިން ވަނީ، ކަރަންޓު ކެނޑު ވަގުތުތަކުގައި ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ. އައްޑޫއިން މިއަދު ކަރަންޓު ކެނޑުނުއިރު، މިއީ ރޯދަ މަސް ކަމަށްވާތީ ގިނަ ބަޔަކު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެއެވެ. ފާހަގަކުރެވޭ ގޮތުގައި، އައްޑޫއިން ކަރަންޓު ކެނޑުމަކީ ދޭތެރެއަކުން ދިމާވާ މައްސަލައެކެވެ. އެގޮތުން، މިދިޔަ ހަފުތާގައި ވެސް އެ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި، އަލުން ލިބުނީ ގަޑިއިރެއް ފަހުންނެވެ. އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާރިޗު މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށް ފަހު، ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާރިޗު މަހުގެ 31ވަނަ ދުވަހުގައެވެ. https://sun.mv/217819 ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ސިޓީގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ