ފެނަކަ އެމްޑީއަކަށް މުޙައްމަދު ޢަފީފް، މި ސަރުކާރުން އައްޔަންކުރި 3 ވަނަ އެމްޑީ

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް މީގެ ކުރިން އަމާޒުވެފައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކޮށްފިއެވެ. މިއީ މި ސަރުކާރުން ފެނަކައަށް އައްޔަންކުރި ތިންވަނަ އެމްޑީއެވެ. އެންމެ ފުރަތަމަ ފެނަކައަށް އައްޔަންކުރި މުއާޒު މުޙައްމަދު ރަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުން، އެ މަގާމަށް މުޙައްމަދު ނަޖާޙް އައްޔަންކުރީ ޑިސެންބަރު 23، 2024 ގައެވެ. އެކަމަކު، އޭނާ މި އަހަރުގެ އޭޕްރީލް ހަވަނަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ. އެހެންވެ، އަފީފަކީ ފެނަކައަށް މި ސަރުކާރުން އައްޔަންކުރި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ. ޕީސީބީން މިއަދު ބުނީ، ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށާއި، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން މިއަދުން ފެށިގެން އައްޔަންކޮށްފައިވާ ކަމަށެވެ. ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އަފީފް މީގެ ކުރިން ވަނީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައިވެއެވެ. https://sun.mv/220220 މީގެ އިތުރުން، އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. އޭނާއަކީ 'ބެލެންސްޑް ސްކޯކާޑް' އަދި 'ރިސްކް މެނޭޖްމަންޓް'ގެ ދާއިރާއިން ފަންނީ ސަނަދު ހާސިލުކުރައްވާފައިވާ، އިދާރީ ހިންގުމާއި، އިސްތިރާތީޖީ ކުރިއެރުމާއި، މުއައްސަސާތައް ބެލެހެއްޓުމުގެ ދާއިރާއިން ތަޢުލީކު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޢަފީފް ވަނީ އުމްރާނީ ތަރައްޤީއާއި، އަސާސީ ޚިދުމަތްތަކާއި، ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައެވެ. އެންމެ ފަހުން އަފީފު ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމުގައެވެ. އަދި، މީގެ ކުރިން އޭނާ ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ކުރައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދީ އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ. ޢަފީފް ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެކި މިނިސްޓްރީތަކުގެ ޕަބްލިކް ވޯކްސް، ހައުސިން އަދި ކޯޕަރޭޓް ޑިޕާޓްމަންޓްތަކުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުތައް ހިމެނެއެވެ. މި މަގާމުތަކުގައި އޭނާ ވަނީ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މަސައްކަތުގެ ދާއިރާއަށް އެންމެ ފުރަތަމަ ވެދެވަޑައިގަތީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ތެރެއިންނެވެ. އޭގެ ފަހުން ކަރަންޓުގެ ޚިދުމަތާއި އާންމު މަސައްކަތްތަކުގެ ދާއިރާއިން ކުރިއަށް ވަޑައިގެން، ރާއްޖޭގެ މުހިންމު އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުމުގައި އޭނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ