އިޒްރޭލުން ވަކި ވަރަކަށް ގާޒާގެ ރަފަހް ބޯޑަރު އަލުން ހުޅުވައިފި

ގާޒާ އާއި މިސްރާ ދެމެދު އޮންނަ ރަފަހް ބޯޑަރު، ހަރުކަށި ސަލާމަތީ ފިޔަވަޅުތަކަކާ އެކު ފަލަސްތީނުގެ ރައްޔިތުންނަށް ވަދެ ނިކުމެ އުޅެވޭ ގޮތަށް އިޒްރޭލުން މިއަދު އަލުން ހުޅުވާލައިފި އެވެ.
އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ހާމަކުރި ގޮތުގައި، ޔޫރަޕްގެ މޮނިޓަރިން ޓީމުތައް މިހާރު ވަނީ އެ ސަރަހައްދަށް އައިސްފަ އެވެ. މިހާރު ބޯޑަރު ހުޅުވާލާފައިވަނީ އާންމުންނަށް ދެކޮޅަށް ދަތުރުކުރެވޭނެ ގޮތަށެވެ.
ނަމަވެސް، އިޒްރޭލާއި މިސްރުން ވަނީ ކޮންމެ ދުވަހަކު ބޯޑަރު ހުރަސްކުރެވޭނެ މީހުންގެ އަދަދު ކަނޑައަޅައި ވަކި މިންވަރަކަށް ހިފަހައްޓާފަ އެވެ. މީގެ އިތުރުން، ބޯޑަރު ހުރަސްކުރާ ކޮންމެ މީހަކު ވެސް އިޒްރޭލުގެ ސަލާމަތީ ޗެކްޕޮއިންޓްތަކުން ފާސްވާން ޖެހޭނެ އެވެ.
މޭ 2024ގައި އިޒްރޭލުން ރަފަހްގެ ކޮންޓްރޯލް ނަގައި ގާޒާ އާއި މިސްރުގެ ބޯޑަރުގައި އޮންނަ ފިލަޑެލްފީ ކޮރިޑޯ ބަންދުކުރި އެވެ. މީގެ ސަބަބުން ބަލިމީހުންނާއި އާންމުން ބޭރަށް ދިއުމަށް އޮތް މުހިންމު މަގު ބަންދުވެ، އެހީގެ މަގުތަކަށް ވަނީ ހުރަސް އެޅިފަ އެވެ.
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ހަނގުރާމައިގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ލައްކައެއްހާ މީހުން ވަނީ ގާޒާ ދޫކޮށް ގޮސްފަ އެވެ. އަދި އދ. އިން ހާމަކުރާ ގޮތުގައި އަދިވެސް އެތައް ހާސް ބަޔަކު ގާޒާއިން ބޭރުން އަވަސް ބޭސްފަރުވާ ހޯދަން ބޭނުންވެ އެވެ.
ބޯޑަރު އަލުން ހުޅުވާލުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން އޮކްޓޯބަރު މަހު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުހިންމު ޝަރުރެކެވެ.
މި އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ގާޒާގެ ހިންގުން ފަލަސްތީނުގެ ޓެކްނޯކްރެޓުންގެ ސަރުކާރަކާ ހަވާލުކުރުމާއި ހަމާސްގެ ހަތިޔާރު ބެހެއްޓުމާ އަދި އާބާދުކުރުމުގެ މަސައްކަތް ފެށުމާ އެކު އިޒްރޭލު ސިފައިން ގާޒާއިން ފޭބުން ހިމެނެ އެވެ.
ނަމަވެސް އިޒްރޭލުން ވަނީ މި ކަންކަމާ މެދު ޝައްކު އުފައްދާފަ އެވެ.
ބޯޑަރު ހުޅުވާލި ނަމަވެސް، ބޭރުގެ ނޫސްވެރިން ގާޒާއަށް ވަނުން އިޒްރޭލުން އަދިވެސް އޮތީ މަނާކޮށްފަ އެވެ.
ފޮރިން ޕްރެސް އެސޯސިއޭޝަނުން މިކަމާ ދެކޮޅަށް އިޒްރޭލުގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އެ ޖަމިއްޔާއިން ބުނަނީ މީގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، އާންމުންނަށް ހަގީގީ މައުލޫމާތު ލިބުމަށް އުނިކަން އަންނަ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ވަކީލުން ބުނަނީ އެއީ ސިފައިންނާއި ނޫސްވެރިންގެ ސަލާމަތަށް ނުރައްކާވެދާނެތީ ކުރާ ކަމެއް ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. އޮކްޓޯބަރު މަހުގެ އެއްބަސްވުމަށް ފަހު އިޒްރޭލުން ދިން ހަމަލާތަކުގައި 500އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާ ކަމަށް ގާޒާގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުން ވަނީ ހަނގުރާމަ ހުއްޓާލި ފަހުން ދިން އެންމެ ވަރުގަދަ ވައިގެ ހަމަލާތައް ދީ، މަދުވެގެން 30 މީހުން މަރާލާފަ އެވެ. އިޒްރޭލުން ބުނަނީ މިއީ ހަމާސްއިން އެއްބަސްވުމާ ހިލާފުވުމުން ދިން ރައްދު ހަމަލާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ