ޒަކާތް ދިނުން ގާނޫނީ ގޮތުން ލާޒިމުކޮށް، ގާނޫނުގެ ދަށުން ޒަކާތު ހައުސް ގާއިމުކޮށްފި
ޒަކާތް ދިނުން ގާނޫނީ ގޮތުން ލާޒިމުކުރާ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރައްވައިފިއެވެ. ރައީސްގެ ގަރާރަކުން ޒަކާތު ހައުސް އުފެއްދެވީ، ޑިސެންބަރު 18، 2023ގައެވެ. މިއަދު، އިސްލާމިކް މިނިސްޓްރީގެ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް ގާއިމުކުރެއްވުމުން، ކުރިން އޮތް ޒަކާތު ހައުސްވަނީ އުވާލައިފައެވެ. ޒަކާތުގެ ބިލު އެކުލަވާލާފައިވަނީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކުރައްވާފައިވާ މަގުސަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށް ޓަކައިއެވެ. އަދި، ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމަކީ ވެސް ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރުމުގެ މަގްސަދެކެެވެ. ޒަކާތުގެ ބިލު ތަސްދީގުކުރައްވާފައިވަނީ، ނިމިދިޔަ އަހަރުގެ ޑިސެންބަރު ހަ ވަނަ ދުވަހެވެ. އެ ގާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި، ޒަކާތް ދެއްކުން ނޫން ލާޒިމް މީހެއްގެ އަތުން ނެގުމާއި ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ނެގުން ހިމެނެއެވެ. އަދި ޒަކާތު ފައިސާ ހައްގު ނޫން ގޮތުގައި ބެހުމާއި އިންވެސްޓުކުރުން ވެސް ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން ކުށެއް ކޮށްފި ނަމަ 1،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައިވެއެވެ. ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި، ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުން ހިމެނެއެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް އެ އިދާރާއިން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ