"ވައިގެ ދަތުރުތައް މެދުކެނޑުނު ނަމަވެސް، މިހާރު އަންނަނީ ފްލައިޓްތައް އިތުރުވަމުން"

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލަތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީތައް ލިބެމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަމީން ވިދާޅުވީ ރާއްޖެއަށް އަންނަ %99 ފަތުރުވެރިންނަކީ ވައިގެ މަގުން އަންނަ ފަތުރުވެރިންނަށްވާއިރު މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ވައިގެ ދަތުރުފަތުރަށް އައި ލޮޅުމާއެކު ރާއްޖެއަށް ގިނަ ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ފްލައިޓުތައް ކެންސަލްވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔަ ކަމަށާއި ވުޒާރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތުން ކާމިޔާބީތައް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެއާ އިންޑިއާ އާއި އެރޯފްލެޓް އަދި އޭއާ އޭޝިއާގެ ކެޕޭސިޓީ ބޮޑުކުރުމުގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި މެދުއިރުމަތީގެ އެއާލައިންތަކުން މަދު ވަގުތުތަކަކަސް އޮޮޕަރޭޓް ކުރި ނަމަވެސް ރާއްޖޭން ކުރި މަސައްކަތުން އެމިރޭޓްސް އާއި އިއްތިހާދު އަދި ފްލައި ދުބާއީން ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު ދެ ފްލައިޓު ބާއްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަންނަ މަހު ޤަތަރު އެއަރވޭސްއިންވެސް ދަތުރު ފަށަން ތާވަލުކޮށްފައެިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެ ބޭފުޅުންގެ އޮޕަރޭޝަންސް ރޭޝިއޯއިން ބަލާކަމަށްވަންޏާމުން އެހެން ޤައުމުތަކާ އަޅާބަލާއިރު އަޅުގަނޑުމެންނަށް އެބަހުރި އޭގައި ވަރަށް ބޮޑު ކުރިއެރުންތަކެއް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހުގެ 9ން ފެށިގެން ޤަތަރު އެއަރވޭސްވެސް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރައްވަން ފައްޓަވާނެ. އެ ޝެޑިއުލްވެސް އަޅުގަނޑުމެންނަށް މިހާރު ކޮންފާމް ކުރެވިއްޖެ.،" ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބެލަރޫސްްގެ ބެލަވޭރިއާ އެއަރލައިންސްގެ ދަތުރުތައް ފެށުމަށްވެސް ތައްޔާރުވެ އެޑްމިނިސްޓްރޭޓް މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި އަންނަ އޭޕްރިލް މަހަށްފަހުވެސް އެރޯފްލެޓުން ހަފުތާއަކު އިތުރު 3 ދަތުރު ބާއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަށް މިހާރު އަންނަ ފްލައިޓުތަކުގެ ބުކިން ލޯޑު އިތުރުކުރެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް މީގެ ކުރިން އަންނަ ފްލައިޓުތަކުގެ ބުކިން ލޯޑު އެވްރެޖުކޮށް %50ގައި ހުންނައިރު މިހާރު ފްލައިޓުތަކުގެ ލޯޑު %75 ގައި ހުންނަ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ